Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

އައްޑޫގެ އިގުތިސާދަށް ޓްރަސްޓް ފަންޑްގައި 3.5 މިލިއަން ހިމަނައިފި

މި އަހަރަށް ފާސް ކުރި އައްޑޫ ސިޓީ ކައުންސިލުންބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ޓްރަސްޓް ފަންޑްގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ރައްޔިތުންގެ ޓަރްސްޓް ފަންޑް މިދިޔަ އަހަރު ގާއިމުކޮށް އެފަންޑަށް އިންވެސްޓްކޮށް ދީފައިވާ ކަމަށެވެ. އަދި އެ ފަންޑުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ މަސައްކަތް މިދިއަ އަހަރު ފަށައި ގަނެ، ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުން ހޯދައި ދިނުމުގެ މަސައްކަތްތަކެއް ފަށައިގަނެވިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ މަސައްކަތް ވެސް މި އަހަރު ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.

ކައުންސިލުން ބުނީ މި އަހަރުގެ ބަޖެޓްގައި ވެސް ކައުންސިލުން އެންމެ އިސްކަމެއް ދިނީ އަވަށްތަކުގެ އުމުރާނީ ކަންކަން ކުރިއަރުވައި ރަށްވެހިކަމުގެ ކުރިއެރުން ހޯދުމަށެވެ. އެގޮތުން މިދިއަ އަހަރުގެ ބަޖެޓްގައި ހިމެނި ކުރިއަށް ނުގެންދެވުނު ބައެއް އެކްޓިވިޓީތައް ކޮމިޓްމަންޓްގެ ގޮތުގައި މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި މަސްވެރިންނާއި ދަތުރުވެރިންގެ ފަސޭހައަށް ނެރުބައްތި އާއި ދުރަށް އަލި ފޮނުވައިދޭ ބައްތި ޖެހުމާއި، ބާބެކިއު އޭރިއާ ތަރައްޤީ ކުރުމާއި، ފެން ބޮޑުވާ ސަރަހައްދުތަކުގެ ޑްރައިނޭޖް ސިސްޓަމް ރަނގަޅު ކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށް 300،000ރ. ވަނީ ހިމަނައިފަ އެވެ.

މިއަހަރުގެ ބަޖެޓްގައި ކައުންސިލުން ކުރާނެ އާ ކަންތައްތަކެއް ވެސް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމާއި ފުޓްބޯޅަ މުބާރާތަކާއި ބެޑްމިންޓަން މުބާރާތެއް ބޭއްވުން ހިމެނެ އެވެ.

މި އަހަރަށް ކައުންސިލުން ފާސް ކުރި މުޅި ބަޖެޓްގެ ޖުމުލައަކީ، 35864928.73ރ. އެވެ. އަދި ކައުންސިލަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 700،000ރ. އެވެ.