Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

އައްޑޫ ކައުންސިލުން 2017 ގައި އެހީގެ ގޮތުގައި 968،034ރ. ދިން

އައްޑޫ ސިޓީ ކައުންސިލުން މިދިޔަ އަހަރު އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ޖުމްލަ 968،034ރ. ދީފައިވާ ކަމަށް ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިފި އެވެ.

މިހާރު އާންމުކޮށްފައިވާ އެ ރިޕޯޓްގައިވާ ގޮތުން ކުޅިވަރު ހަރަކާތްތަކަށް ޖުމްލަ 375،118ރ. ދީފައިވާ އިރު، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް އެހީގެ ގޮތުގައި 111،116ރ. ދީފައިވެ އެވެ. އަދި ކައުންސިލްގެ ރެކްރިއޭޝަން ކުލަބަށް 481،000ރ. ދީފައިވެ އެވެ.

މިދިޔަ އަހަރު ކައުންސިލުން ފައިސާގެ އެހީ ދިން ކުޅިވަރުގެ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށެވެ. އެ ޖަމިއްޔާ އަށް ޖުމްލަ 174،553ރ. ދީފައިވެ އެވެ.

ކުޅިވަރުތަކަށް ކައުންސިލުން އެހީގެ ގޮތުގައި މިދިޔަ އަހަރު ދިން އެހީތަކަށް ބަލާ އިރު، އެންމެ ކުޑަ އަދަދަކަށް ދީފައި ވަނީ 5،000ރ. އެވެ.

ކުލަބް ޖަމިއްޔާތަކުގެ ތެރެއިން މިދިޔަ އަހަރު ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ބެޑްމިންޓަން އެސޯސިއޭޝަނަށެވެ. އެއީ 40،000ރ. އެވެ. ތިން ވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ފޭދޫ ފުޓްބޯޅަ ޓީމަށެވެ. އެއީ 30،000ރ. އެވެ.

ޖަމިއްޔާތަކަށް ދިން އެހީތަކަށް ބަލާ އިރު އެންމެ ބޮޑު އެހީއެއް މިދިޔަ އަހަރު ކައުންސިލްގެ ބަޖެޓުން ދިނީ މޯލްޑިވްސް ރެޑް ކްރެސެންޓަށެވެ. އެއީ 48،000ރ. އެވެ.

ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ޒިކްރާ ފައުންޑޭޝަނަށެވެ. އެއީ 25،000ރ. އެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ ހިޔައު ޖަމިއްޔާ އާއި އެސޯސިއޭޝަން ފޮ ޑިސެބިލިޓީ ރިހިބިލިޓޭޝަން ކެއާއަށެވެ. އެއިން ކޮންމެ ތަނަކަށް 10،000ރ. ދީފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓަކީ މި އަހަރު 35،864،928.73ރ. އެވެ. އެގޮތުން ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 700،000ރ. އެވެ.