އިނގިރޭސިވިލާތުގެ އޮކްސްފޯޑް ސެންޓަ ފޮ އިސްލާމިކް ސްޓަޑީޒް އާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގުޅިގެން ރާއްޖޭގެ އާސާރީ ތަންތަނާ ބެހޭ ސާވޭއެއް ހަދަން ނިންމައިފި އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ސާވޭގައި މަދުވެގެން ރާއްޖޭގެ ފަސް އަތޮޅެއްގައި ހުރި ހެރިޓޭޖް ސައިޓްތަކާ ގުޅޭ މަޢުލޫމާތު އެއްކުރަން ވަނީ ހަމަޖެހިފަ އެވެ. ސާވޭ އަށް އޮކްސްފޯޑްގެ ފަންނީ އިރުޝާދާއި ލަފާ ލިބިގެންދާނެ ކަމަށާއި އެ ސެންޓަރުގެ ތަޖުރިބާކާރުން ރާއްޖޭގައި ޢަމަލީ ގޮތުން ޙަރަކާތްރެރިވާނެ ކަމަށް ހެރިޓޭޖުން ބުންޏެވެ.
އަދި މިކަން ކުރުމުގައި ރާއްޖޭގައި މި ދާއިރާއިން މިވަގުތު ލިބެން ނެތް އައު ޓެކްނޮލޮޖީގެ ވަސީލަތްތައް ވެސް ބޭނުން ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
އަންމަ މާޗް މަހު ފަށާ މި ސާވޭގައި އަމަލީ ގޮތުން ބައިވެރިވާން ޝަޢުގުވެރިވާ މީހުންނަށް މިއަދުގެ ނިޔަލަށް ވަނީ އެ ފުރުޞަތު ހުޅުވާލައިފަ އެވެ.
ސާވޭގައި ބައިވެރިވާ މީހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 10،000ރ. އާއި ދަތުރު އެލަވެންސާއި ކެއުމާއި ފޯން އެލަވެންސް ވެސް ލިބޭނެ އެވެ.
އަދި މި މަސައްކަތް ކުރުމަށް ބޭނުންވާ މީހުން ހޮވުމުގައި ލިންގުއިސްޓިކް، އިންފޮމޭޝަން ޓެކްނޮލޮޖީ، ލޮޖިސްޓިކް އަދި މެނޭޖްމަންޓްގެ ދާއިރާ ނުވަތަ ފޮޓޯގްރަފީ އަދި 3D މޮޑެލިންގެ ދާއިރާއިން ބެޗެލާޒް ޑިގްރީއެއް ޙާސިލްކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް ހެރިޓޭޖުން ބުންޏެވެ.