(މާޗް 30، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އޭގެ އަނެއް ދުވަހު ސާއިގާ ރޮމުން ނަވީން އަށް ގުޅި އެވެ. މަންމަ ނިޔާވި ހަބަރު އޭނާ އަށް ދެވުނު އިރު ވާހަކަ ނުދެއްކެ އެވެ.
"އެކަމަކު ރޭގަ އަހަރެން މަންމަޔާ ބައްދަލު ކޮށްފަ އައިއިރު މަންމަ ރަނގަޅު. މަންމަ އަށް ކިހިނެއްވީ؟ " ނަވީންވެސް ރޮމުން އެހި އެވެ.
"މަންމަ މެޔަށް ތަދުވަތީ އުޅުނު. އަޅުގަނޑު ބޭސް ވެސް ދިނިން."
ނަވީން ބޮލުގައި ދެ އަތް އަޅާއިގެން އިށީނެވެ.
މަންމަ ދިޔައީ އެވެ. އެކަމަކު މަންމަ އެ ދިޔައީ އޭނާގެ ހަޔާތަށް ރިހުމެއް ދޫކޮށްލާފަ އެވެ. ނަވީންގެ ވުޖޫދުގެ ކޮންމެ ނިޝާނެއް އާދޭސް ކުރަމުން ދަނީ އެވެ. އޭނާގެ ކުށުގެ ސަޒާ ދެމުން ދަނީ އެވެ.
"އަހަރެންގެ ހިތުގެ ރިހުން ދަންނާނެ މީހަކު އެބަހުރިބާ؟ އަދި މި ޒަޙަމްތަކުގާ ބޭސް އަޅާދޭނެ އިންސާނަކު އެބަހުރިބާ؟" މިއީ އެނާގެ ކުށެވެ. މަންމަޔާ މެދު އިހްމާލު ވެވުނީ އޭނާ އަށެވެ.
ރޭ މަންމަ ޔާ އެކު އޭނާ ރެސްޓޯރެންޓްގައި ހޭދަ ކުރި ވަގުތު އޭނާ ހަނދާން ވަމުން ދިޔަ އެވެ. މަންމަ އިނީ ވަރަށް މަޑުންނެވެ. އޭނާގެ ގިނަ ސުވާލު ތަކަށް ޖަވާބެއް ވެސް ނުދ ެއެވެ.
ލަހުފާ އާއި ނަވީން އެކުގައި ހޮސްޕިޓަލަށް ދިޔަ އެވެ. ހޮސްޕިޓަލުގެ ކޮންމެ ދިމާއަކުން ފެންނަނީ ހިތާމަވެރިކަމެވެ. ވަށައިގެން ހެދިފައިވާ ގަސްތަކުގެ މާތައް އުފާވެރިކަން ގެއްލި މޯޅިވެފައިވެ އެވެ. ކޮންމެ ނުފޮޅޭ މަލެއް އުދާސް ކަމާ މާޔޫސް ކަމުގެ އަޑީގައި ފޮރުވިފައިވެ އެވެ.
ނަވީން އެސްފިޔަ ވެސް ޖަހާނުލާ އެކި އެއްޗަަށްް ވަކި ވަކިން ބަލަމުން ދިޔަ އެވެ. ހީވަނީ އެނާގެ މަންމަ ހޯދަނީ ހެންނެވެ.
"މަންމަ އަދިވެސް އޮތީ އައިސީޔޫ ގަ." ސާއިގާ ކުރިޔަށް ޖެހިލާފަ ނަވީން އަތުގައި ހިފައިގެން ހިނގައިގަތެވެ.
"އަހަރެން ވަރުބަލި ވެއްޖެ. ސާއިގާ ދުނިޔެ ދެކެ ވެސް ފޫހިވެއްޖެ." ނަވީން ރޮމުން ސާއިގާގެ ކޮނޑުގައި ބޯއަޅާލި އެވެ. ހީވަނީ ކުޑަ ކުއްޖެއްހެނެވެ.
އަނެއްކޮޅުން ޑޮކްޓަރު ޔަޒީދް ނަވީންގެ މަންމަ އާއި ދިމާލަށް ގުދުވެ އޮތެވެ. ބޭރުގައި ލަހުފާ ޔާ ޝައިވެސް ތިއްބެވެ. ދިރިއުޅުމަކީ ތޫފާނެއް ފަދަ އެއްޗެކެވެ. ތަކުރާރްކޮށް ޒަލްޒަލާތައް އައިސް ދިރިއުޅުމުގެ އުފާތަށް އެފުއް މި ފުށަށް ޖަހަމުން ގެންދެ އެވެ. އަދި އިންސާނާ ކުނިކޮޅެއް ފަދައިން ވަޔާއެކު ބުރައިގެން ދެ އެވެ. މި ވަގުތުތަކުގައި މަންމަގެ މައިވަންތަކަމުގެ ލޯބިން އެ މީހަކު ހަމަޔަށް އަޅުވަ އެވެ. އަދި ހިތްވަރުކޮށްފައި ދުނިޔެގައި އުޅުމުގެ ސަބަބެއްކަމުގާ އެ މަންމަ ވެދެ އެވެ.
މި ވަގުތު އޭނާ ވަރަށް ބޮޑަށް މަންމަ މަތިން ހަނދާންވަމުން ދިޔަ އެވެ. އެ މަންމަ ޔާ ނުލާ އެންމެ ހިނދުކޮޅެއް ވެސް ކުރިން އޭނާ ހޭދައެއް ނުކުރެ އެވެ. ވީ އިރު އޭނާ އަށް މިވީ ކިހިނެއް ހެއްޔެވެ؟
"މާތްރަސްކަލާކޯ. މި ރިހުމާ ކެކުޅުން މިއަޅާގެ އެތެރެ ހަށިން ނެރެ ދެއްވަފާނުތޯ"
"ޑޮކްޓަރު އަޅުގަނޑުގެ މަންމަ ގެ ހާލު ކިހިނެއްތޯ؟" އައިސޫޔޫ ތެރެއިން ޑރ ޔަޒީދް ނިކުތްތަން ފެނިފަ ނަވީދް ޑރ އާއި ގާތައް ޖެހިލާފަ ކުރަކި އަޑަކުން އަހާލި އެވެ.
"މަންމަގެ ކަށުކަމާކެމީގެ ކަންތަކާ އުޅެންވީ މިވަގުތު މިއީ. މިއޮތީ މަންމަގެ ޖީބުގައި އޮތް ކަރުދާސްގަނޑެއް. " ފަށްޖަަހާފައި އޮތް ނގަޑެއް ނަވީދް އަތަށް ޑރ. ޔަޒީދް ދިއްކޮށްލަމުން ކުރިޔަށް ދިޔަ އެވެ.
ނަވީން އެހުދު ކަރުދާސްގަނޑަށް ފަށްފަށްކޮށް ކޮށް ބަލާލި އެވެ. މ ހުދު ކަރުދާސްގަނޑަކީ ހީވަނީ އޭނާ އަށް ނާމާން ކަން ގެނެސް ދިން އެއްޗެއް ހެންނެވެ. ނަވީން އެ ކަރުދާސްގަނޑު ޖީބަށް ލި އެވެ.
ލަހުފާގެ މަންމަމެން ވެސް ބޮޑުދައިތަ ވެސް ހޮސްޕިޓަލަށް އަ އެވެ. ހުރިހާ އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތާމައެވެ. ހިތްދަތިކަމެވެ. ނަވީން ވަރަށް ސާބިތު ކަމާއެކު މަންމަގެ އެންމެ ފަހުގެ އަލްވަދާއު ކިޔެވެ. ކަށުކަމާ ކެމީގަ އެއްވެސް އުނިކަމެއް ނުބަހައްޓާ ވަރަށް ފަރުވާތެރި ކަމާއެކު ހުރިހާ ކަމެއް އޭނާ ނިންމީ ކަރުނަ ވެސް އަޅަމުންނެވެ. ލަހުފާ ވެސް މަންމަ ޔާ މެދު ހިތް ހެޔޮ ކޮށްލުމަށްފަހު މަންމަޔަށް އެންމެ ފަހުގެ އިހްތިރާމު އަދާކުރި އެވެ.
ނަވީން ގެއައް އައުމަށް ފަހު މަންމަ ދީފަ ވާ ސިޓީ އުރަ ކަނޑައި ބަލާލި އެވެ. އެންމެ ފުރަތަމަ އޭގަ ވާ ސިޓީ ނަގާ ކިޔަން ފެށި އެވެ.
ލޯބިވާ ދަރިފުޅު ނަވީން އަށް.
ހެޔޮދުއާ އާއި ސަލާމް އަށް ފަހު ލިޔަމެވެ.
ދަރިފުޅު މިދުނިޔެ އަށް ނޭވާ ލީ ދުވަހަކީ މަންމަ އާއި ބައްޕަ އެންމެ ހާސްކުރުވި އެއް ދުވަހެވެ. އެކަމަކު ﷲ ގެ ރަހްމަތުން އަހަރެންގެ އުނގު ލޯބި ފިރިހެން ކުއްޖެއްގެ ސަބަބުން ފަޅުފިލުމުން އެހުރިހާ ހާސްކަމެއް ދުރުވެ އުފަލުން ހިތް ނަޝަން ފެށި އެވެ. މަންމަޔަކަށް ވުމުގެ ފުރިހަމަ ޝަރަފް އަހަރެންނަށް ލިބިގެން ދިޔަ އެވެ. މި މަގާމު ލިބެންދެން އަހަރެން ވަނީ އުއްމީދު ގެއްލިފަ އެވެ.
އަހަރެންގެ އުފާވެރިކަން އިންތިހާޔަށް ދިޔައެވެ. ކުރިމަތިވީ އާޒިއްމާތައް ވެގެންދިޔައީ އަހަރެން ދިރިއުޅުމުގެ މަގުސަދަކަށެވެ.
އަހަރެންނަށް ހަމައެކަނި ނޭގުނު އެއްޗަކީ އަހަރެން ދުނިޔޭގެ ފެންވަރުގެ ނަމޫނާ މަންމަޔަކަށް ވާނޭކަމެވެ. ދަރިފުޅުގެ ކޮންމެ ހަރަކާތެއް ވެގެންދިޔައީ މަންމަޔަށް ލިބުނު ކާމިޔާބީއަކަށެވެ. ދަރިފުޅު އެންމެ ފުރަތަމަ ދުވަހު ހީލުން ވެގެންދިޔައީ މަންމަ ދިރިއުޅުމުގެ އުއްމިދު އާވި ދުވަހަށެވެ.
ދަރިފުޅު އެންމެ ފުރަތަމަ މަންމާއޭ ކިޔާ ގޮވާލުމުން އަހަރެން ނަށް ހީވީ އަހަރެން ހުރީ މި ކާއިނާތުގެ އެންމެ ކާމިޔާބު މީހާގެ މަގާމުގާ ހެންނެވެ. ދަރިގުޅުގެ ކޮންމެ ހަރަކާތެއް ވެގެން ދިޔައީ އަހަރެންނަށް ޓަކާ މިއުރާޖަކަށެވެ. ލޮލުފިޔަ ޖަހާނުލާ އަހަރެން ދަރިފުޅުގެ ހުރިހާ ހަރަކާތެއް ގުނާ ދަސް ކުރީމެވެ. ދަރިފުޅުގެ ޅަ ބަހުރުވަ ހިނދުކޮޅަކުން އަހަރެން ދަސްކުރީ އެއްވެސް އެދުރު ބޭކަލަކާ، ގަލަމަކާ ، ފޮތަކާ ފަންސުރެއް ނެތިއެވެ. އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް އަހަރެންނަށް ވީ ގޮންޖެހުމަކަށެވެ.
އެކަމަކު މިގޮންޖެހުމުގާވެސް މީރު ކަމެއް އެކުލެވިގެން ވެއެވެ. ބައެއްފަހަރު ދަރިފުޅުގެ ހަރަކާތުން މުޅިގެ ކުޅެއެއްޗިހީގެ ފިހާރަޔަކަށް ހަދާލައެވެ. އެކަމަކު އަހަރެން އެއްވެސް ރުޅިވެރިކަމެއްނެތި ލޯތްބާއެކު ގޭތެރެ ސާފުކޮށްލަމެވެ. އަހަރެން ދަރިފުޅަށް އަދަބު ވެރިކަން ދަސްކޮށް ދިނީމެވެ. ރީތި ސްލޫކުން ދަރިފުޅު ގަހަނާ އެޅުވީމެވެ.
ދަރިފުޅުގެ ކުދި ކުދި ކުއްތަކުން ދިމާވާ ކަންތަކަށް ދަރިފުލަށް ރަނގަޅު މަގު ދަސްކޮށްދިނީމެވެ. ދަރިފުޅުގެ ކޮންމެ އެދުމަކީ ކުރަން ފަރުސު ކަމެއް ކަމުގާ ހެދީމެވެ. ދަރިފުޅު ބަލިވެއްޖިއްޔާ ޑޮކްޓަރުން ކާރީ އާދޭސް ކުރަމުން ރޭގަނޑުގެ ނިދި ނަގާލާ ދަރިފުޅާއެކު ކޮޅަށް އިނދެ ދަރިފުޅު ރަނގަޅު ވަންދެކަ ވަގުތު ގުނަމެވެ. ދަރިފުޅުގެ އެންމެ ހިނިތުން ވުމަކުން މަންމަގެ އެވަރުބަލިކަން ފިލާދެއެވެ، އެއީ އެހިނިތުން މަންމަ ދެކުނީ މަންމަގެ މަސައްކަތުގެ އަގު ކަމަށެވެ.
ދެން އައީ ދަރިފުޅު ސުކޫލަށް ދާން ފެށި ދުވަސް ތަކެވެ. ސުކޫލްގަ ދަރިފުޅު ހޭދަ ކުރާ ކުޑަވަގުތު ކޮޅުވެސް މަންމަ ހިތް ނުތަނަވަސް ވެއެވެ ދެތިންފަހަރަކަށް ސުކޫލް ގޭޓް ކަރިޔަށް ދެވެއެވެ. މިއީގަޑީގެ މާކުރިން ކަން އެނގުމުން ލަދުން ގެޔަށް އަންނަމެވެ. ދަރިފުޅު ރޯލާ ކޮންމެ ފަހަރަކު އަހަރެން ދަރިފުޅާއެކު ރޮމެވެ. ދަރިފުޅުގެ އެލޮބިވެތި އަދާއާއި އެކު އަހަރެންގެ ހިތް ފުރިގެން ކަރުނާގެ ސިފައިގާ އާދެ އެވެ.
ސްކޫލް ދައުރުގެ ކުޅިވަރު ދުވަސްތަށް ކުރިމަތި ވިއެވެ، ދަރިފުޅު ފުޓްބޯޅަ ކުޅުމުގެ ޝައުގު އަހަރެން ބިރު ގެންނެވިއެވެ ހައްތާވެސް ހީވަނީ އަނިޔާއެއް ލިބިދާނެ ހެންނެވެ. އެބޯލައެކޭ އެއްވަރަަށް އަހަރެން ވެސް ދަރިފުޅުގެ ފަހަތުން ދުވަމުން ދިޔައީމެވެ. މިކަމުގެ ސަބަބުން އަހަރެންވީ ދަރިފުޅާ އެކު ފުރަތަމަ ފުޓްބޯޅަ ކުޅުނު ބައިވެރިޔާ ކަމުގަ އެވެ. މާ ބޮޑު އެއްޗެއް ވެސް ކިޔައި ނުދެވުމުން ދަރިފުޅު މޮޅުކޮށް ދޭން ކޯޗެއް ލީމެވެ. އެކަމަކު އަހަރެން ދުރަކައް ނުދަމެވެ. ފެންނަ ފަށުގައި ކަމަކަށް ބޭނުން ވެދާނެތީ ހުންނަމެވެ.
ދަރިފުޅު ސްކޫލް ނިމި ބޮޑުވި އެވެ.
އަހަރެންގެ ލޯތްބަށް ވުރެ އެހެން ލޯތްބެއް ހޯދި އެވެ. އަހަރެންނަށް ވެސް ދަރިފުޅާ ދުރު ވެވުނެވެ، އިޙްތިޔާރަކު ނޫނެވެ. މަންމަޔަށް މާފުކުރާށެވެ. ރޭ ދަރިފުޅު މަންމަ ނަސަންދުރަ އަށް ގެންދިޔަ އިރު މަންމަ ވެސް ވަނީ ދަރިފުޅާ ދަރިފުޅުގެ އަންހެނުންނަށް ކެއުމަކަށް ތައްޔާރު ކޮށްފަ އެވެ. އެކަމަކު މަންމަ ޔަށް ނުބުނެވުނީ އެވެ.
މަންމަ ދަރިފުޅާ އެކު ކާން ވަގުތު ހޭދަ ކުރި އިރު ވަރަށް މިވާހަކަ ބުނަން ބޭނުން ވި އެވެ. އެކަމަކު ހިތްވަރު ނުވެވުނީ އެވެ.
މަންމަގެ މިހަދިޔާ ގަބޫލް ކުރާނެ ކަމަށް ހީކުރަމެވެ.
މި ސިޓީ އާ އެކު މިވާ ފައިސާގެ ޗެކަކީ ދަރިފުޅުގެ ކައިވެނި މަންމަ ގަބޫލް ކުރީތީ ދޭ ހަދިޔާއެކެވެ އަދި މި ސިޓީ އާ އެކު މިވާ އިންޑިޔާ ދެކޮޅު ޓިކެޓަކީ ދަރިފުޅާ ލަހުފާ އައަށް މަންމަ ދޭ ކާވެނީގެ ހަދިޔާ އެވެ. މަންމަ ވާނީ ޝައިނާ އަށް ވެސް ބެންކު އެކައުންޓެއް ހުޅުވާފަ އެވެ. އެ ޝައިނާ ކިޔެވުނަސް ބޭނުންވާ ހުރިހާ ހަރަދެއް އޭގެން ކުރާށެވެ.
މަންމަޔަށް މާފުކުރާނެ ކަމަށް ހީކުރަމެވެ.
ދަރިފުޅު ދެކެ ލޯބިވާ މަންމަ.
ނަވީން އަރި އަޅާލި އެވެ. އެ ވަގުތު ލަހުފާ ބަދިގެ ފަރާތުގައި ހުރެފައި އެ މަންޒަރު ފެނިގެން ދުވަމުން އަ އެވެ.
"ނަވީން ….. ބޮޑުދައިތާ…….ބޮޑުދައިތާ……"
އެ ވަގުތު ބޮޑުދައިތަ އައިސް ނަވީން ހިފެހެއްޓި އެވެ.
"މާތް ކަލާންކޯ މިވީ ކިހިނެއް؟. އަވަހަށް ޑޮކްޓަރު ގެނޭ."
ބޮޑުދައިތަ އާއި ލަހުފާ ވެގެން ނަވީން އެނދުގައި ބޭއްވި އެވެ. ޑރ. ސަލްމާން އައިސް ނަވީން ބެލި އެވެ. މާޔޫސް ކަމާ އެކު އިސް އުފުލާ ލަހުފާ އާއި ދިމާލަށް އެނބުރުނެވެ.
"ނަވީން …މަރުވެއްޖެ…"
"ނޫން ޑޮކްޓަރު ތިހެން ނުބުނުއްވާ. އަހަރެންގެ ނަވީން މަރެއް ނުވާނެ.ޑޮކްޓަރު…"
"ލަހުފާ ހިތްވަރުކުރޭ. ﷲ ވޮޑިގެން ވަނީ ކެއްތެރިންނާ އެކުގައި."
ބޮޑުދައިތަ ކުރެހިފައިވާ އަޑަކުން ނަސޭހަތް ދިނެވެ. އަދި ލަހުފާ ގެނެސް އޭނާގެ މެޔާލައި ފިއްތާލި އެވެ.
މުޅި ގޭތެރެ މީހުން ފުރި ބާރު ވި އެވެ. ބޮޑު ދައިތަގެ ބެލުމުގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނަވީން ވެސް ވަޅުލާ ނިމުނީ އެވެ. ނަވީން ގެ މަހާނަ ވެސް ބެހެއްޓުނީ އޭނާގެ މަންމަ ގެ މަހާނަ ކައިރީގަ އެވެ.
ލަހުފާ ރޮއިރޮއި ހީވަނީ ހަލާކު ވެދާނެހެންނެވެ.
ބޮޑުދައިތަ ވަރަށް މަސައްކަތުން ލަހުފާ ހަމަޔަކަށް އަޅުވަމުން ދިޔަ އެވެ. އެވަގުތު ކުއްލިޔަކަށް ޝައިނާ ދުވަމުން އައިސް ލަހުފަގެ ހެދުމުގައި އެލިގަތެވެ. ލަހުފާ ވަގުތުން ޝައިނާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލި އެވެ. ތެދެކެވެ. އޭނާ ދުނިޔޭގައި ހުންނަން ޖެހެ އެވެ. ޝައިނާ ގެ ހައްގުގަ އެވެ.
މައިވަންތަކަމުގެ ބާރަކީ ކޮންފަދަ މާތް ބާރެއްކަން މިއަދު މުޅި ދުނިޔެއަށް ހާމަ ވެއްޖ ެއެވެ. ތެދެކެވެ. ނަވީން ގެ މަންމަ ވީ މުޅި ދުނިޔެ އަށް މަޝްހޫރު މަންމަ ޔަކަށެވެ. މައިވަންތަކަމުގެ ލޯތްބަކީ ކޮބާކަން މިއަދު ހާމަ ވެ ހިނގައްޖެ އެވެ.
"ނެތް ނިމުން މި ލޯތްބަކަަށް ނެތް ނިމުން މ ިޝުކުރަކަށް ހައްގުވާ ދެ މީހުނީ މަންމަޔާ ބައްޕައޭ"
(ނިމުނީ)