ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅޭގޮތުން ޖަވާބު ނުދެވޭތީ އެ ކޮމިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ފާޑުވިދާޅުވެއްޖެއެވެ.
ފެރީ އެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާނު ތާއްޔާ ޖެހިޖެހި އިންނެވި މަންޒަރު ފެންނަ ވީޑީއޯ އަކާއި އެކު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސުލައިމާނަށް ހޭލެވުނުހާ އަވަހަކަށް ގޮނޑީގެ މައްސަލައިގައި ޖަވާބެއް ލިބޭނެ ކަމަށެވެ.
މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ "ޑިކްޓޭޓަރ ޔާމީން ގެ މަޅީގައި ޖެހި ހިންގާފައިވާ ކުށްތަކުގެ ނަތީޖާއެއްގެ ގޮތުން، ބޮޑަށް ލަފާކުރެވެނީ ސުލައިމާނަށް ހޭލެވޭނީ ޖަލުގެ ކުޑަގޮޅިންހެން" ކަމަށެވެ.
މެންބަރުންގެ ގޮނޑީގެ މައްސަލައިގަ @ElectionsMv އަށް ޖަބާބެއް ނުދެވި ލަސްވަނީ ސުލެއިމާނަށް އަދި ހޭނުލެވިގެން. ހޭލެވުނުހާ އަވަހަށް ޖަވާބެއް ލިބޭނެ. ޑިކްޓޭޓަރ ޔާމީން ގެ މަޅީގައިޖެހި ހިންގާފައިވާ ކުށްތަކުގެ ނަތީޖާއެއްގެ ގޮތުން، ބޮޑަށް ލަފާކުރެވެނީ ހޭލެވޭނީ ޖަލުގެ ކުޑަގޮޅިންހެން pic.twitter.com/3vbjK69ryO
— Ahmed Mahloof (@AhmedMahloof) January 23, 2018
ވެރިކަން ކުރާ ޕީޕީއެމުން އެދިގެން، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ނިންމާފައިވާއިރު އެ މެންބަރުން ވިދާޅުވަމުން ގެންދަނީ އެ ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.
އަދި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމަކީ، ރާއްޖޭގެ ގާނޫނުއަސާސީގައި ވާ ގޮތުން އިލެކްޝަންސް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދޭން އެދި އިދިކޮޅު ފަރާތްތަކުން ދަނީ ސުޕްރީމް ކޯޓުގައި އެދެމުންނެވެ.