2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް 3،000 އެނދު ފައްކާ ކުރުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބިޔަ މަޝްރޫޢެއް އިއުލާންކުރިއެވެ.
އެ މަޝްރޫޢު އިއުލާންކުރުމަށް ފަހު ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަޝްރޫއަކީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ. އަދި "ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަން" ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒަމީރުގެ އިތުރުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވެސް ވަނީ ދެ މަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވެސް ވަނީ 2017 ވަނަ އަހަރު ނިމުމުގެ ކުރިން ފޭދޫގައި 500 ޓޫރިސްޓް އެނދު ގާއިމްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރު ނިމުނު އިރު އެކަން ފުރިހަމަވާ ގޮތެއް ނުވިއެވެ. އެފަހުން އައިބީ ވެސް އެވާހަކައެއް ނުދައްކަވައެވެ.
ދެ މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުންޏަސް އޭގެ ފަހުން 9 މަސް ދުވަސް ވެގެން ދިޔައިރު ވެސް ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢުގެ ހިލަމެއް ނުވެއެވެ. އެ މަޝްރޫޢާއި ބެހޭގޮތުން ސަރުކާރުގެ ވުޒާރާ އަކުން އަދި އެމްއައިޓީޑީސީ އަކުން ވެސް ވާހަކަ އެއް ނުދައްކަވައެވެ.
އެމްއައިޓީޑީސީން އިއުލާން ކުރި ގެސްޓް ހައުސް މަޝްރޫޢޫ
* އަޅާނީ 25 ކޮޓަރީގެ ގެސްޓްހައުސް ތަކެއް
* 3000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު
* ގެސްޓް ހައުސް އެއްގެ އަގު އުޅެނީ 3.8 މިލިއަން ރުފިޔާ އަށް.
* މާކެޓް ކުރުމާއި ތަރައްގީ ކުރުން އެމްއައިޓީޑީސީ އިން.
* ގެސްޓްހައުސް ހުންނާނީ ބޭރުން ގެނެސް ރާވާ ގޮތަށް
ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި މަޝްރޫޢާއި ބެހޭ އެއްވެސް ވާހަކައެއް ސަރުކާރުގެ ފަރާތުން ރައްޔިތުންނާއި ހިއްސާކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ އެ މަޝްރޫޢު ކުރިއަށް ދާނެ ތޯ ސުވާލު އުފައްދަމުންނެވެ.
ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ސަރުކާރަށް ވެސް މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ، އިންތިހާބު ތަކާއި ދިމާކޮށް ފޮނި ވާހަކަ ދެއްކުމާއި އެކި އެކި މަޝްރޫޢުތައް އިއުލާން ކުރުމެވެ. އިންތިހާބު ނިމުމާއި އެކު އެވާހަކަ ތަކާއި މަޝްރޫޢުތައް މަތިން ސަރުކާރުން ހަނދާން ނައްތާލައެވެ.
18 މަހުން އެއްކޮށް ނިންމަން ވައުދުވި ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢުގެ މަތިން ސަރުކާރުން ހަނދާން ނައްތާލާނީ ނޫންކަމެއް ނޭނގެއެވެ.