އައްޑޫގެ ކުނީގެ ވާހަކައަކީ ދައްކައިކޮޅުން ލާނެ ވާހަކައެއް ނޫނެވެ. ޖެހުނުހާ ތަނަކަށް ކުނި އެޅުމުގެ އާދަ ގެންގުޅޭ ނަމަ މިކަމެއް ދުވަހަކު ވެސް ނުހުއްޓުވޭނެ އެވެ. އަދިވެސް ބުނަން އޮތީ މުއައްސަަސާތަކުގެ ބޮލަށް ޖަހާނެ ކަމެއް ނެތޭ އެވެ. ފަރުދީ ޒިންމާ އަދާ ކުރާށެވެ.
އެކަމަކު މީގެ މާނައަކީ ކަމާ ބެހޭ މުއައްސަސާތަކުން ވެސް ދެ ލޯ މަރައިގެން ތިބޭށެކޭ ނޫނެވެ. ބޮޑު ބަޖެޓަކުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ ވާހަކަ އައްޑޫ ސިޓީ ކައުންސިލުން ވެސް ދައްކާ ނަމަ، ފުރަތަމަ މިހިރަ ކަންކަން އިސްލާހު ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާށެވެ. ހަމައެކަނި އިންޒާރުގެ ބޯޑަކުން ކުނީގެ މައްސަލަ ހައްލެއް ނުކުރެވޭނެ އެވެ.
ކުނީގެ މައްސަލަ ބޮޑުވެގެން އެ ވާހަކަ އެންމެން ވެސް ދައްކާ އިރު، އައްޑޫގައި މިކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް އަންނަ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ގޯހުން ގޯހަށް ދާ ތަނެވެ.
ހާއްސަކޮށް ޕިކްނިކް ދިއުމަށާއި މޫދަށް އެރޭ އެހެން ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ބޮޑެވެ. މިހިރަ ފޮޓޯތަކަށް ނިކަން ނަޒަރު ހިންގައިލާށެވެ. ހަޑި ވާނީ އަހަމެރެން އައްޑޫ ރައްޔިތުންނަށެވެ. މިއީ ހަންކެޑެ-ގައުކެނޑި އަތިރިމައްޗަށް އަޅާފައި ހުރި ކުނިތަކެކެވެ.
ދެ ޓޫރިސްޓަކު މި ކުންޏަށް އިޝާރާތްކޮށް އަހާ ކަހަލަ އެވެ؛ އަހަރެމެން މި ތަނަށް މިއައީ މި މަންޒަރު ދެކެން ހެއްޔެވެ؟
މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ޓޫރިސްޓުންނަށް އައްޑޫން މިފަދަ މަންޒަރުތައް ފެނި އެ މީހުންގެ ފޯކަސް ހުއްޓޭ ނަމަ، އޭގެ ގެއްލުން ލިބޭނީ ހަމަ އައްޑޫ ރައްޔިތުންނަށެވެ.
މި ކަހަލަ ކަންކަމާ ދޭތެރޭ އަދިވެސް ސީރިއަސްކޮށް ވިސްނާށެވެ. ކުންޏާ ދޭތެރޭ ސަމާލު ނުވެއްޖެ ނަމަ، އިގުސާދީ ގޮތުން ވެސް އައްޑު އަށް ލިބޭ ނިކަމތިކަން ބޮޑު ވެދާނެ އެވެ.
އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.