Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

"ސޮޓީ 2" ނޮވެމްބަރު 23 ގައި

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ހަދާ ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ 2" އާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭ ދުވަސްތަކެއްވެފައި ވަނިކޮށް، ފިލްމް ރިލީޒް ކުރާ ތާރީހު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ފިލްމްގެ އާ ޕޯސްޓަރަކާ އެކު ކަރަން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު، 23، 2018 ގައި ކަމަށެވެ.

ޓައިގާ ޝްރޮފް ލީޑް ރޯލް ކުޅޭ ފިލްމްގެ ތާރީހު އިއުލާން ކުރި ނަމަވެސް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ބަތަލާއިންނަކޯ ކޮބައި ކަމެއް ނޭނގެ އެވެ.

ކަރަންގެ ޓްވީޓްގައި ބުނީ ފިލްމްގެ ދެ ބަތަލާއިންގެ ނަން އަންނަ މަހު އިއުލާން ކުރާނެ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ އެއް ބަތަލާއަކީ ޓައިގާގެ ލޯބިވެރިޔާ އަދި ބަތަލާ ޑިޝާ ޕަޓްނީ އެވެ. އެ ދެ ތަރިން މިހާރު އަންނަނީ "ބާގީ 2" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެ ދެ ތަރިންނާ އެކު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ އަނެއް ބަތަލާއަކީ ޗަންކޭ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ޕާންޑޭ ކަމަށް ވެސް އަޑު އަރާފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ މުހިއްމު ރޯލަކުން ދާދި ފަހުން ނިންމާލި "ބިގް ބޮސް 11" ގައި ވާދަ ކުރި ޕްރިޔަންކް ޝަރްމާ ވެސް ފެންނާނެ އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކަރަން 2012 ގައި ޑައިރެކްޓްކޮށް ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތު މަލްއުތުރާ ބޮލީވުޑަށް ތައާރަފު ކުރި ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ ކަރަން ޕްރޮޑިއުސް ކުރި ގޯރީ ތޭރޭ ޕިޔާރް މޭ (2013) އާއި ހައި ހޭޓް ލަވް ސްޓޯރީޒް (2010) ގެ ޑައިރެކްޓަރު ޕުނިތު މަލްއުތުރާ އެވެ.