ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރު ބޮލީވުޑަށް ތައާރަފުވާ ފިލްމް "ދަޅަކް" ގެ މަސައްކަތް މިހާރު ކުރަމުން ދިޔަ ނަމަވެސް، އޭނާ ކުޅުނު ފުރަތަމަމ ފިލްމް "ބިޔޯންޑް ދަ ކްލައުންޑްސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ އީރާންގެ މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ 1998 ގައި ޑައިރެކްޓް ކުރި "ޗިލްޑްރެން ހޮފް ހެވަން" އަކީ އެ އަހަރުގެ އޮސްކާގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ.
"ބިޔޯންޑް ދަ ކްލައުޑްސް" ގައި ކިޔައި ދެނީ ފުރާވަރަށް އަރާފައިވާ އާމިރު ކިޔާ ޔަތީމް ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ. އެ ރޯލް ފިލްމްގައި ކުޅެފައި ވަނީ އިޝާން އެވެ.
Ishaan ❤️ https://t.co/K0ZvftS7QH
— Shahid Kapoor (@shahidkapoor) January 30, 2018
ޓްރެއިލާ ބެލި ވަރަށް ގިނަ ބަޔަކު ވަނީ އިޝާންގެ އެކްޓިން އަށް ތައުރީފުކޮށްފަ އެވެ. އަދި ޓްވިޓާގައި އަންނަނީ އޭނާ އަށް މަރުހަބާ ވެސް ކިޔަމުންނެވެ.
އަންނަ މާޗް މަހުގެ 23 ގައި ރިލީޒް ކުރާ "ބިޔޯންޑް ދަ ކްލައުޑްސް" ގައި އިޝާންއާ އެކު އެންމެ މުހިއްމު ރޯލަކުން ފެނިގެން ދާނީ މަލްވިލާ މޯހަނަން އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ގޯތަމް ގޯސް، ޝިވަމް ޕުޖާރީ އަދި ދުވާނީ ރާޖޭޝް ހިމެނެ އެވެ.
ޒީ ސްޓޫޑިއޯ ޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ "ބިޔޯންޑް ދަ ކްލައުޑްސް" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލްކޮށްފައިވާ އޭއާރް ރަހްމާނެވެ.
ސްރީދޭވީގެ އަންހެން ދަރިފުޅާ ޖާންވީ ކަޕޫރާ އެކު، އިޝާން ބޮލީވުޑަށް ތައާރަފުވާ ފިލްމް "ދަޅަކް" ސިނަމާތަކަށް އަންނާނީ ޖުލައި 20 ގަ އެވެ.