މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވިއްޖެ ނަމަ، ބޮޑުތަނުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑަަށް ބައިވެރިވެވޭ ރިޔާސީ އިންތިހާބެއް ބާއްވަން" ޖެހޭ ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް އަދި ވެސް ކެންޑިޑޭޓަކާ މެދު ގޮތެއް ނުނިންމަ އެވެ.
އަދި އެމްޑީޕީން ބުނަމުން އަންނަނީ އެ ޕާޓީގެ ފުރަތަމަ ހޮވުމަކަށް ވާނީ ރައީސް ނަޝީދު ކަމަށެވެ.
Raees Yameen dhekkevi usool thakakee vakkamaai,fasaadhaai aniyaaverikan. Dhivehin manikfaanah noonekey bunanee ehen kamun.Alhugadah baiverivey riyaasee inthikhaabeh baahvavaa. Iraadhafulhaa eku boduthanun balikuraanan
— Mohamed Nasheed (@MohamedNasheed) January 29, 2018
އެކަމަކު ސަރުކާރުން ބުނަނީ ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި އެއީ ޖަލަށް ހުކުމްކޮށްފައި ހުންނެވި ގައިދީއެއް ކަމަށެވެ.
މި މައްސަލާގައި ރައީސް ނަޝީދާއި އެމްޑީޕީން ބުނަނީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް އދ. އިން ހަދައި ދޭނެ ކަމަށެވެ.
އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތަކެއް ޕާޓީތަކުން ފެށި ނަމަވެސް، އޭގެ އަޑު މިހާރު ވަނީ މަޑުވެފަ އެވެ.