ޒުވާނުންގެ މާދިރީ ނުވަތަ ނަމޫނާ މަޖިލިސް އަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޒުވާނުންގެ މާދިރީ އޮންނާނީ މާޗް 30-31 ގައި ކަމަށެވެ.
އެހެންވެ މީގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ހޯމް މިނިސްޓްރީން ބުނީ މާދިރީގައި ފުރުސަތު ދޭނީ ރާއްޖޭގައި ރަޖިސްޓްކޮށް ހިންގާ ކޮލެޖް/ޔުނިވަސިޓީ އަދި ހައި ސްކޫލްތަކުގެ ދަރިވަރުންނަށް ކަމަށެވެ. އަދި ބައިވެރިވެވޭނީ އުމުރުން 18-30 އަހަރުގެ ޒުވާނުންނަށެވެ.
މާދިރީގައި ރާއްޖޭގެ އިންތިޚާބީ ދާއިރާތައް ތަމްސީލް ކުރުމަށްޓަކައި ބޭނުންވާ ބައިވެރިން ހޮވާނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޝަރުތުތައް ފުރިހަމަވާ ދަރިވަރުންގެ މެދުގައި އިންޓަވިއުކޮށްގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.