ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަމަށް ކަނޑައަޅައި ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ އަޑެއް ނީވި ގިނަ އިރުތަކެއް ވެގެން ދިޔައެވެ. ސަރުކާރުން "ކޮންޓްރޯލްކުރާ ޗެނަލެއް" ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ޗެނަލްތަކުން ދައްކަމުން ގެންދިޔައީ ލަވަ ޕްރޮގްރާމްތަކެވެ.
ވެރިރަށް މާލޭގެ މަގުމައްޗަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުފާފާޅު ކުރަމުން ގެންދިޔައިރު އެ މަންޒަރުތައް ސަރުކާރަށް ތާއީދު ކުރާ ކަމަށް ގިނަ ބަޔަކު ބުނާ ޗެނަލްތަކުން ނުދައްކައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ނޫސްކޮންފަރެންސެއް ބޭއްވި ހިސާބުން އެ ޓީވީ ޗެނަލްތަކުން ވެސް ސުޕްރީމް ކޯޓުގެ ހުކުމްގެ ވާހަކަ ދައްކަން ފެށިއެވެ.
ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެންބަރުންނާޢި ވަޒީރުންގެ ހަރަކާތްތައް ވެސް ފެންނަން ފެށީ އެހިސާބުންނެވެ. ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު އިރު އެރުމާއި ހަމައަށް ޓީވީގައި މަޖިލިސް މެންބަރުންނާއި ބައެއް ވަޒީރުން ގެންދަވަނީ ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުންނެވެ.
ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ(އައިބީ)ގެ ނަޒަރުގައި 12 ގެ ފަހުން މަގުމައްޗަށް ނުކުތުމަކީ ކުށަކަށް ވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރު ޒަމީރު މެންފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުން ތިއްބެވީ އަދިވެސް ރައީސް ޔާމީނާއި އެކު ސާބިތުކަމާއި އެކުގައެވެ.
ސަރުކާރަށް ލޮޅުން އަރުވާ ނުލެވޭނެ ކަމުގެ ޔަގީންކަން ދެމުން ޓީވީތަކުގައި މަޖިިލިސް މެންބަރުންނާއި ވަޒީރުން ވާހަކަދެއްކެވި ނަމަވެސް އެބޭފުޅުންގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. ހާސްކަމެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މަސްރަޚު ބަދަލުވެގެން ދާނެ ގޮތަކާއި މެދު އެބޭފުޅުންގެ ކަންބޮޑުވުންތައް ހުރި މިންވަރެވެ.