ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި އޮޅުން އަރާ ގިނަ ކަންތައްތަަކެއް ހުރިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިގޮތަށް ބުނެފައި ވަނީ ރައީސް ޔާމީންގެ ބައިނަލްއަޤްވާމީ ތަރުޖަމާނު އިބްރާހިމް ހުސައިން ޝިހާބު ސޯޝަލް މީޑިޔާގައި އާއްމު ކުރެއްވި ބަޔާނެއްގައެވެ.
އެބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި އެވެ.
އަދި ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުކުރުމަށްޓަކައި އެ ކޯޓާއި ވާހަކަ ދައްކައި ލަފާ ހޯދާނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ތަރުޖަމާނު ތަކުރާރުކުރައްވާފައި ވަނީ ސުޕްރީމްކޯޓުގެ އަމުރާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ދެއްކެވި ވާހަކަފުޅެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި މިގޮތަށް ބުނެފައި ވީ ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ފުލުހުން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ.