Last Updated: November 25, 22:26
Monday, November 25, 2024

ނަސީބުގެއަކީ އާންމު ގޮތެއްގާ ވަރަށް ކާރޫބާރޫ ބޮޑު ގެއެކެވެ. ކޮޅުކޮޅަށް ނޯކަރުން ހެލިފެލިވާ ތަނާއި ބައެއް އަންހެންވެރިން ފުނިފުންޏަށް ޖެހިގެން ތިބެ ކޮންމެވެސް އޮލަ ވާހަކައެއް ދައްކާތަން ފެނެ އެވެ.
ހަމައެހެންމެ ފިރިހެންވެރިން ގޭތެރޭގެ ތަރުތީބު ބަދަލު ކުރާތީ ވެސް ފެނެ އެވެ. ބައެއް އަންހެނުން ހެލިފެލިކަމާ އެކު ކެއްކުމުގެ މަސައްކަތުގައި އުޅޭތަން ވެސް ފެނެ އެވެ.

ކޮންމެއަކަސް ނަސީބުގޭތެރޭ މިކަންތަށްގަނޑު ފެނުމުން ކޮންމެވެސް ބޮޑު ކަމެއް އެ ގޭތެރޭ ހިނގަމުން ދާކަން ދެނެ ގަންނާކަށް މާ އުދަނގުލެއް ނޫނެވެ. އާނއެކެވެ. ކަންތަށް ބޮޑު ނުވާންވީ ކީއްވެތޯ އެވެ؟ މި އަދަކީ އެ ގެ އަށް ދެ އީދު ހަނދު ހަނދު އެއް ފަހަރާ އައިސްގެން އުޅޭ ކަހަލަ ދުވަހެކެވެ.

އާނއެކެވެ. އެ ގޭހު ސްނާ އެއްމާބަނޑު ދެބެއިން ވިހެއީ އެވެ. ކަރީމް އާއި ހުސްނާ އިނދެގެން އުޅޭތާ 10 އަހަރު ފަހުން އެ ދެމީހުންގެ ދެކެމުން އައި ހުވަފެން ސީދާ ވީ އެވެ.

ކަރީމު އާއި ހުސްނާ ކައިވެނި ކުރި އިރު ކަރީމްއަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. ކަރީމްގެ މިލްކިއްޔާތުގައި ވަނީ އަގު ނުކުރެވޭ ފަދަ ގިނަ މުދާތަކެވެ.
ކަރީމްގެ މައިންބަފައިން ނިޔާވީ ޝިގެއްލާ ރޯނގާތެރޭ ގަ އެވެ. ހުސްނާ ކަރީމްގެ ހަޔާތަށް އައި އިރު ކަރީމް ހުރީ ކަރީމްގެ ހަޔާތުގެ ހުންގާނު ހަވާލު ކުރާނެ ރަގަޅު މާތް އަންހެނަކަށް ބޭނުން ވެފަ އެވެ.

ހުސްނާއަކީ އާދައިގެ މެދުފަންތީގެ އާއިލާ އަކަށް އުފަންވި ސީދާ ސާދާ އަންހެން ކުއްޖެކެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ވެސް މެ އެވެ. ރީތި އަންހެނެކެވެ. ބޭރު ފުށުގެ ރީތިކަމާ އެއްވަރަށް ހުސްނާއަކީ އަޙުލާގު ވެސް ރަނގަޅު އަންހެނެކެވެ.
ހުސްނާގެ ރަނގަޅު އަޙުލާގުގެ ތައުރީފާއި މާތްކަމުގެ ވާހަކަ މުޅި ހިސާބުގައި ދެކެވެމުން ދިޔަ އެވެ.

ހުސްނާގެ ރަނގަޅުކަމާއި މާތްކަމުގެ ވާހަކަ އަޑު އިވޭ އިރަށް ކަރީމް އަވަސް ވީ ހުސްނާގެ ބައްޕަ ސަލީމު އާ ބައްދަލު ކުރުމަށެވެ.
ލަދުވެތިކަމުން ފުރިފައިވާ ހާލު ކަރީމު ހުސްނާމެން ގެޔަށް ދިޔަ އެވެ. އަސްލު މިކަމަކީ ގޭގެ ބޮޑެތި މީހުން ކުރަން ޖެހޭ ކަމެކެވެ. އެހެނަސް އޭނާގެ އެކަނިވެރިކަމުގެ ސަބަބުން މި ފިޔަވަޅު އަޅަން އޭނާ އަށް މަޖްބޫރުވީ އެވެ.

"ސަލީމުބޭ އަޅުގަނޑު މިއަދު މި ގެޔަށް މިއައީ ސަލީމުބެގެ އަންހެން ދަރިފުޅު ހުސްނާގެ ކައިވެންޏަށް އެދި. ސަލީމުބެގެ އިއުތިރާޒެއް ނެތިއް." ކުށްވެރިޔަކު ފަދައިން އިސް ދަށަށް ޖަހާލަމުން ކަރީމް ހުސްނާގެ ބައްޕަގެ ފަރާތުން އެދުނެވެ.

ސަލީމު ހައިރާންކަމާއެކު އޭނާގެ ކުރިމަތީ އިސް ދަށަށް ޖަހާލައިގެން ދެ އަތް ދެ އަތަށް އުނގުޅާލަ އުނގުޅާ ހުރި ކަރީމުގެ ބޮލުން ފެށިގެން ފަޔަށް ބަލާލި އެވެ. ސަލީމު އަތުގެ އިޝާރާތުން އިށީނުމަށް ކަރީމު އަށް ތަން ދެއްކި އެވެ.

"ރުގިއްޔާ… ރުގިއްޔާ ނިކަން އަވަހަށް މި ފަރާތަށް އައިސްބަލަ." ތުރުތުރުއަޅާ އަޑަކުން ސަލީމު އޭނާގެ އަނބި ރުގިއްޔާ އަށް ގޮވާލި އެވެ.

ރުގިއްޔާ ކުޑަ ކުއްޖަކު އުރައިގެން އައިސް ސަލީމުމެންގެ ކުރިމައްޗަށް ހުއްޓުނެވެ. އެ ކުޑަކުއްޖާ އޭރުވެސް ރޮމުން ގެންދިޔަ އެވެ. މާ ގިނައިން ރުއިމުގެ ސަބަބުން ކަންނޭނގެ އެވެ. އެ ކުޑަކުއްޖާގެ ނޭފަތުން ހުރީ އަރިދަފުސް ފައިބާ މުޅި މޫނުގެ ސިފަ ބަދަލުވެފަ އެވެ. ކަރީމު އެކުޑަ ކުއްޖާ އާ ދިމާލަށް ބަލާލަމުން ހިނިތުންވެލި އެވެ.

"ކިހިނެއްވީތަ މާ ބާރަށް ތި ގޮވަނީ؟" ހައިރާންކަމާ އެކު ކުރިމަތީ ހުރި ކަރީމް އާ ދިމާލަށް ބަލާލަމުން ސަލީމު އާ ދިމާލަށް ރުގިއްޔާ އެނބުރުނެވެ.

ސަލީމު ކުރު ގޮތަކަށް ކަރީމު އައިސް ހުރި ބޭނުން ރުގިއްޔާ އަށް ބުނެދިނެވެ. އުފާވުމުގެ ބަދަލުގައި ރުގިއްޔާ ގެ މޫނުން ފެނިގެން ދިޔައީ އުދާސްކަމާ ހާސްކަމެވެ.

ރުގިއްޔާ ގެ އިހްސާސްތަކުގެ ހަބަރު ނޭގި ހުރި ސަލީމު ކަރީމު އާ ވާހަކަ ދައްކަމުން ދިޔަ އެވެ. ރުގިއްޔާ އެ އޮތް ކައިރީ ހުރި އިރު ވެސް ސަލީމު އާ ކަރީމު ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއް އަޑެއް ނީވެ އެވެ. އެންމެ ކުޑަމިނުން މަރިޔަންފުޅު އައިސް ރޮމުން ގެންދިޔަ ކުޑަ ދަރިފުޅު ގެންދި ކަމެއް ވެސް ރުގިއްޔާ އަކަށް ނޭގުނެވެ.
އުރުގައި ކުޑަކުއްޖަކު އިންނަ އިރު އަތް ހުންނަ ގޮތަށް ހަދައިގެން ރުގިއްޔާ ގެއްލިފައި ހުއްޓެވެ.

ކަރީމު ދިޔުމަށް ފަހު ސަލީމު ރުގިއްޔާ އާ ދިމާލަށް އެނބުރިލި އެވެ.

(ނުނިމޭ)