ދެހާސް އެގާރަ ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ބިނާކުރި ސްޓޭޓް ހައުސްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސުމަކީ ގިނަ ބަޔަކު އެކަމާއި ދެކޮޅު ހެދި ކަމެކެވެ. އެހެން ނަމަވެސް އެ ދެކޮޅު ހެދުންތަކާއި އެކު ވެސް އެތަނުގައި ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގަން ސަރުކާރުން ނިންމި އިރު މިހާރު އެއީ، ފުލުހުންގެ އެކޮމޮޑޭޝަނަށް ބޭނުންކުރާ އިމާރާތެއް ވެސް މެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރި ސްޓޭޓް ހައުސް ވެގެން ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ އަށް ވަޑައިގަންނަވާ ފަހަރުތަކުގައި ހުންނެވުމަށް ޤާއިމްކުރި ތަނެކެވެ.
އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައުމަށް ފަހު އެތަން ބެލެހެއްޓުމުގެ މަސައްކަތް ނުކުރެވޭ އިރު ފުލުހުންނާއި އެތަން ހަވާލުކުރި ހިސާބުން ސްޓޭޓް ހައުސް ވީރާނާ ކުރަމުން ގެންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ފޮޓޯ އިން ތިޔަ ފެނިވަޑައި ގަންނަވަނީ، ސްޓޭޓް ހައުސްގެ އުތުރު ފަރާތުގެ ފާރުގައި ރެނދު އަޅާފައިވާ މަންޒަރެވެ. ފާރުގައި ރެނދު އެޅުމުގެ އިތުރަށް ގާތްގަނޑަކަށް 200 ފޫޓުގެ އެ ފާރު އެއްކޮށް އަރިއަޅާފައިވާކަން ފާހަގަކުރެވެއެވެ.
ސޯޝަލް މީޑިޔާގައި މި ފޮޓޯ ހިއްސާކުރި ފަރާތުގެ ކަންބޮޑުވުމަކަށް ވީ، ސްކޫލަކާއި ވެސް ކައިރި ހިސާބެއްގައި މިފަދަ ގޮތަކަށް ފާރެއް ހުރި އިރު އެކަން ހައްލުކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމެވެ.
"މިއީ ކޮންމެ ދުވަހަކު އެތައް ކުދިންނެއް ކިޔަވަންދާ ސްކޫލެއް ހުންނަ ހިސާބެއް. ސްކޫލް ކެންޓީނަށް އެތައް ބަޔަކު ކޮންމެ ދުވަހަކު އާދޭ. މަގުގައި ފެންބޮޑުވެއްޖެ ނަމަ މީހުން ހިނގަން މިއޮންނަނީ ފާރު ކައިރީގައި އޮންނަ ކުޑަ ރޮނގެއް. ދެން މިކަން ބަޔަކަށް ފެނި ރަނގަޅުކޮށްފިއްޔާ ކިތަންމެ ހާ ވެސް ރަނގަޅު" ސޯޝާލް މީޑިޔާގައި މި ފޮޓޯ ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.
އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.