ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ހުރި އުސޫލުތަކާއި ދިމާ އިދިކޮޅަށް ހިންގި ޝަރީޢަތެއްގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވި ކަމުގެ ކުށުގައި ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަށް އިންސާފު ހޯދައި ދިނުމަށް އެދި އާއިލާގެ ފަރާތުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގެ ޖަވާބުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، އެމަނިކުފާނަށް "ކޮށްދެވޭނެ ކަމެއް ނެތް" ކަމަށެވެ.
ނާޒިމްގެ އާއިލާއިން ރައީސް ޔާމީނަށް ސިޓީއެއް ފޮނުވީ، ސުޕްރީމް ކޯޓުން ނާޒިމްގެ ޝަރީޢަތް އިންސާފުވެރިކޮށް ކަނޑައެޅި ފަހުން ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުމާއި ގުޅިގެންނެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އަބަދުވެސް ކޯޓު އަމުރަށް ތަބާވާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އެހެން ނަމަވެސް ކާނަލް ނާޒިމް އާއި އަދިވެސް ޖަލުގައި ބަންދުކޮށްފައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި އެކު ކޯޓު އަމުރުތަކަށް ތަބާވުން "އިޚްތިޔާރީ" ކަމަކަށް މިވަނީ ހައްދަވާފައެވެ.
ކޯޓުތަކާއި ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީންގެ ރާގު ބަދަލުވެފައިވާއިރު، މިއަދު ސުޕްރީމް ކޯޓުން ގޮތެއް ނިންމެވިޔަސް އެމަނިކުފާނަށް ކޮށްދެވޭނެ ކަންތައް އެބަހުރިކަމުގައި ބަލަން ޖެހެއެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރާއި މެދު ކަންބޮޑުވެވަޑައިގެން ރައީސް އަބްދުﷲ ޔާމީން މިވަނީ 3 ސިޓީފުޅެއް އެ ކޯޓަށް ފޮނުއްވާފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖައްސަވަމުން ގެންދަވާއިރު، އެމަނިކުފާނު މިއަދު ކޯޓު އަމުރަށް ތަބާވެ ވަޑައިގަންނަވާ މަންޒަރެއް ނުފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި، ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ މުއްސަސާތަކުގެ ބާރު ކެނޑި ގާނޫނު އަސާސީގެ ބާރު ކެނޑިދާނެ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކުރި ދައުވާއިން ދިފާއުވުމުގެ އެކަށީގެންވާ ފުރުސަތެއް ނުލިބި ޝަރީޢަތް ކުރިއަށް ގެންދިޔަކަން އެނގިވަޑައިގަންނަވާ އިރު ވެސް އެކަމާއި ރައީސް ޔާމީނަށް މިފަދައިން ސިޓީފުޅެއް ނުފޮނުއްވައެވެ.
ނާޒިމް އެކަންޏެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ ޝަރީޢަތާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ބޭއިންސާފުން ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދިޔައިރު ވެސް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ، "ކޮށްދެވޭނެ ކަމެއް ނެތް" ކަމަށެވެ.
ބޭރު ޤައުމުތަކަށް ސަރުކާރުގެ ފަރާތުން ފޮނުވި ރިޕޯޓުތަކާއި ސިޓީތަކުގައި ބުނަމުން ގެންދިޔައީ، ކޯޓުތަކަކީ މިނިވަން ބާރެއް ކަމަށާއި އެކަމާއި ރައީސް އަބްދުﷲ ޔާމީން ކުރައްވާނެ ކަމެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް މިއަދު ރައީސް އަބްދުﷲ ޔާމީންގެ އަމަލުފުޅުތަކުން ފެންނަމުން ދާ ކަންތަކަށް ބަލާއިރު، އަމިއްލަފުޅު މަސްލަޙަތު ހިމެނޭ ކަމެއް ކުރިމަތިވާ ހާލަތުގައި "ކޮށްދެވޭނެ ކަންތަކާއި، ކުރައްވާނެ ކަންތައް އެބަހުރި ކަމުގައި ބުނެވިދާނެއެވެ.
ކެބިނެޓްގެ ވަޒީރުންނާއި ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުން އެ ވިދާޅުވަމުން ގެންދަވަނީ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރެވޭނެ ވާހަކައެވެ.