Last Updated: November 25, 22:26
Monday, November 25, 2024
ވިޔަފާރި

އިކޮނޮމިކް ސާވޭ ފަށައިފި

ފޭދޫގެ "3 އެސް ސްޕަޕާޓް" ގައި ހުރި މުދާތަކެއް މީހަކު ބަލަނީ. ފޮޓޯ/ 3 އެސް ގްރޫޕް

ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން އިން މި އަހަރު ކުރިއަށް ގެންދާ "އިކޮނޮމިކް ސާވޭ" ގެ މަސައްކަތް އައްޑޫ ސިޓީގައި ފަށައިފި އެވެ.

ސާވޭގެ މަސައްކަތް އައްޑޫގައި ފަށާފައި ވަނީ އިއްޔެ އެވެ.

މި ސާވޭ މާލޭގައި ވެސް މިއަހަރު ޖެނުއަރީ މަހުން ފެށިގެން ދަނީ ކުރެވެމެނުންނެވެ. އަދި ފިޔަވަހިތަކަކަށް ބަހާލެވިގެން ރެންޑަމްކޮށް ހޮވާލެވޭ ބައެއް ރަށްރަށުގައި ވެސް މި އަހަރުތެރޭ މި ސާވޭ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިކޮނޮމިކް ސަވޭގެ މައިގަނޑު މަޤްސަދަކީ އެކިއެކި އިންޑަސްޓްރީތަކުގައި ހަރަކާތްތެރިވާ މަސައްކަތް ހިންގާ ތަންތަނުގެ އުފެއްދުންތެރިކަމާއި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަށް (ޖީޑީޕީ) ހިއްސާ ކުރާ މިންވަރު ދެނެގަތުމެވެ.

މި ސާވޭ އިން ލިބޭ މައުލޫމާތު ބޭނުން ކުރެވޭނީ ޖީޑީޕީގެ އަންދާޒާ ފުރިހަމަ ކުރުމަށް އަދި ރީބޭސް ކުރުމަށާއި ރާއްޖޭގެ އިޤްތިސާދަށް ސަޕްލައި އެންޑް ޔޫސް ޓޭބަލް އެކުލަވާލުމަށެވެ.

މި ސާވޭއިން ނެގޭ މައުލޫމާތުގެ ތެރޭގައި މަސައްކަތް ހިންގާ ތަންތަނުގެ ބާވަތް، މުވައްޒަފުންނާއި މަސައްކަތުގައި ހަރަކާތެރިވާ މީހުންގެ އަދަދު، މުވައްޒަފުންނަށް ހިނގާ ޚަރަދު، މަސައްކަތްކުރާ ތަނުގައި އުފައްދާ މައިގަނޑު ބާވަތްތަކާއި ދެވޭ ހިދުމަތުން ލިބޭ އާމްދަނީ އާއި އަދި އެކަމަށް ހިނގާ ޚަރަދާއި މަސައްކަތުގެ ބޭނުމަށް ގަނެވޭ ހަރު މުދަލަށް ހިނގާ ހަރަދު ހިމެނެ އެވެ.

މި ސާވޭގެ ނަތީޖާތަކަކީ ގައުމީ ތަރައްގީގެ މަޝްރޫއުގެ ބައެއް ލަނޑުދަނޑިތައް ހާސިލްވާމިންވަރު ދެނެގަތުމަށާއި، އެކިއެކި އިގްތިސާދީ މަސައްކަތްތަކާއި އިންޑަސްޓްރީތައް ކުރިއެރުވުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރަށް ވަރަށް ބޭނުންތެރި މައުލޫމާތަކަށްވާނެއެވެ.

މި ސަރވޭއިންނެގޭ ވަކިވަކި މަސައްކަތް ހިންގާ ތަންތަނުގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެ އެވެ. އަދި މައުލޫމާތު ހާމަ ކުރެވޭނީ ޖުމްލަ ހިސާބުތަކެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވައިދު" ގައިވާ ގޮތުގެ މަތިންނެވެ.

މިސާވޭގެ މައުލޫމާތު ނެގުމުގެ މަސައްކަތް މާލެ އާއި ރަށްރަށުގައި ހިގަމުންދާ އިރު އާއްމު ފަރުދުންގެ ފަރާތުން ޕްލޭނިން ޑިޕާޓްމަންޓަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަ ކޮށް އެފަރާތްތަކަށް އެ ޑިޕާޓްމަންޓުން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

އަދި ކުރިއަށް ހުރި ފިޔަވަހިތަކުގައި ވެސް އެއްބާރުލެއްވުން ދެއްވުމަކީ އިކޮނޮމިކް ސާވޭ ކާމިޔާބުކަމާއެ ކީ ނިންމާލުމަށްޓަކައި ރައްޔިތުންގެ ފަރާތުން ދެއްވާ އަގުހުރި މައުލޫމާތުތަކާއި ޚިދުމަތެއް ކަމުގައި ޑިޕާޓްމަންޓްއިން ދެކޭ ކަމަށް ވެސް ޕްލޭނިން ޑިޕާޓްމަންޓުން ބުންޏެވެ.