ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްވާ ގޮތަށް ބޭކާރު ވާހަކަ ދައްކާ ނަމަ އުމަރު ނަސީރު ޖޭޕީން ވަކިކުރާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ، ރައީސް ނަޝީދާއި އަދީބު ހިންގަވާފައިވާ ކުށްތަކަކީ ދުވާލުގެ އަލިކަންފަދައިން އެނގޭ ކަންތައްކަމަށާއި ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރުމަށްފަހު އަލުން ރައީސް ނަޝީދާއި އަދީބު ހައްޔަރުކުރުމަށް އުމަރު ނަސީރު ގޮވާލެއްވުމާއި ގުޅިގެންނެވެ.
އުމަރަށް ރައްދު ދެއްވައި ނިޒާރު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޚުގައި އުޅެން ބޭނުން ނަމަ ނުބެހެން ޖެހޭ ނަންތަކެއް ހުންނާނެ ކަމަށެވެ.
ނަޝީދާއި އަދީބު ހައްޔަރުކުރަން ޖެހޭ ކަމަށް އުމަރު ވިދާޅުވުމާއި ގުޅިގެން ޖޭޕީގެ އިސް ފަރާތްތަކުން ވެސް ވަނީ އުމަރަށް ރައްދު ދެއްވާފައެވެ. އެގޮތުން އުމަރުގެ ޓްވިޓާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސްވަނީ ނުރުހުން ފާޅުކުރައްވާފައެވެ.