Last Updated: November 25, 22:26
Monday, November 25, 2024

(އެޕްރީލް 3، 2013 ވަނަ ދުވަހުބެ ބަޔާ ގުޅޭ)

"ރުގިއްޔާގެ ހިޔާލަކީ ކޮބާ؟" ސަލީމު ތެދުވަމުން ރުގިއްޔާ ކުރެން އަހާލި އެވެ.

"އެކަމަކު އަޅުގަޑުމެންގެ ހައިސިއްޔަތަކީ ކޮބައިތޯ؟ ކަރީމު އަކީ މާލޭގެ މުއްސަނދިންގެ ސަފުގެ އެންމެ ކުރީގަ ހިމެނޭ ބޭފުޅެއް އަޅުގަނޑުމެންނާ އަރާ އަރަފޯދިގެން ވާނީ ކިހިނަކުންތޯ؟"

"ރުގިއްޔާ، ކަރީމު އަކީ މާތް ފިރިހެނެއް. އަހަރުމެންގެ ހުސްނާ ޔަށް މިފަދަ ފުރުސަތެއް ދެން ލިބޭނެ ހެނެއް ހިޔެއް ނުވޭ ނިކަން ރުގިއްޔާ ގޮސް އެ މަންޖެ ކައިރިން އަހާލަބަލަ އެ މަންޖެގެ ހިޔާލު ހުރި ގޮތް."

ރުގިއްޔާ، ހިމޭންކަމާ އެކު ސަލީމުގެ ވިޔާ ސާމާނުތަށް ނަގާ ސަލީމުގެ އަތަށް ދެމުން ކުރިޔަށް ހިނގައިގަތެވެ. ސަލީމުމެން ކާންބޯން ކުރާ މަސައްކަތަކީ ވިޔެއުމެވެ. ކުނާވިޔާގެން ރަނގަޅު އާމްދަނީއެއް ވެސް ސަލީމުމެންނަށް ލިބެ އެވެ.

ހުސްނާ ބޯކިބާ އެޅުމުގައި މަޝްއޫލުވެފައި އިނެވެ. ހިނދު ކޮޅެއްވަންދެން ރުގިއްޔާ ހިމޭން ކަމާއެކު އޭނާގެ ރީތި ދަރިފުޅަށް ބަލަން ހުއްޓެވެ. އަދި މަޑުމަޑުން ގޮވާލި އެވެ.

"ހުސްނާ ދަރިފުޅާ.." ހުސްނާގެ ކޮނޑުގައި ހިފާ ރުގިއްޔާ އާއި ދިމާލަށް އަނބުރާލަމުން ނުހަނު ލޯތްބާ އެކު ރުގިއްޔާ ގޮވާލި އެވެ.

"މަންމާ ކީކޭތޯ؟" ރުގިއްޔާ އާ ދިމާލަށް އެނބުރިލަމުން ހުސްނާ އިސްދަށައް ޖަހާލި އެވެ.
"މިއަދު މަންމަ އަށް އިހްސާސްވެއްޖެ މަންމަގެ ކުޑަ ދަރިފުޅު ބޮޑުވެއްޖެ ކަމުގެ. މަންމަ ދެރަވަނީ މަންމަގެ ހުރި ހަމައެކަނީ ދަރިފުޅު މަންމަމެންނާ ވަކިވާން ޖެހިދާނެތީ…" ހިނިތުންވެލަމުން ނުހަނު ލޯތްބާ އެކު ރުގިއްޔާ ހުސްނާ ގެ މޫނުގައި ހިފައި މައްޗަށް ނެގިޔެވެ.

"މަންމާ އަޅުގަނޑު….ކީއްތޯ ކުރީ.." ހުސްނާ ހާސްކަމާއެކު ރެޅިގަތެވެ.

"އޭއި ކަލޭ ނުކުރަނީ ކޮން ކަމެއް؟ ކިހާ އިރެއްތަ އަލިފާންގަޑު އަންދައިގެން ތި ބޯކިބާ ގަޑު ހިފައިގެން އަންނާށޭ ގޮވާތާ." ރުޅިވެރިކަމާ އެކު ކުދި ކިޔަމުން އައި މަރީނާ ބޯކިބާ އަޅަން ހަދާފައި އޮތް މަސްގަނޑު ހިފައިގެން ހިގައިގަތެވެ. މިކަމާ ރުގިއްޔާ އާއި ހުސްނާ ބާރަށް ހޭންފެށި އެވެ.

މަރީނާ ފަހަތަށް އެނބުރިލާފައި ތުން އޫކޮށްލާފައި ބުމަޔަށް ގޮތެއް ހަދާލަމުން ހިނގައިގަތެވެ.

"މިކަން ވެސް ނުވީއްޔާ ކުށްވެރި ވާނީ މަށޭ. އެހެންވެ މަށައް ޖެއްސުން ކުރަނީ ވެސް މަގޭ ދަރި ރޯ އަޑު މަށަށް މިހާރު ވެސް އެބަ އިވޭ." މަރީނާ ދޮރާ ހަމަޔަށް ގޮސް ހުއްޓިލާފައި ބުނެލި އެވެ.

ހުސްނާ އޭނާގެ މަންމަގެ މޭގައި ބޯ އަޅާލި އެވެ. ރުގިއްޔާ މަޑުމަޑުން ހުސްނާގެ ދިގު އިސްތަށިގަނޑުގައި ފިރުމާލި އެވެ.

"މި ގެއިން އެހެން ގެޔަކަށް ދާންވެއްޖެއްޔާ ދަރިފުޅު ދެރަވާނެތަ؟" މަޑުމަޑުން އަނެއްކާ ވެސް ހުސްނާގެ ގައިގާ ފިރުމާލަމުން ރުގިއްޔާ ބުނެލި އެވެ.

"މަންމަ އަށް މިހާރު އަޅުގަނޑާ ހެދީ އުނދަގޫ ވެސް ވީތޯ؟" ކުޑަކޮށް ޅަވެލަމުން ހުސްނާ އޭނާގެ މަންމަޔާ ދުރަށް ޖެހިލި އެވެ.

"ދަރިފުޅާ. ދަރިފުޅުގެ ކައިވެންޏަށް އެދި ނަސީބުގޭ ކަރީމު އަތުވެއްޖެ. ދަރިފުޅު މިކަމާ ބުނަނީ ކީކޭ؟" މަންމަގެ މި ވާހަކަ އިން ހުސްނާ ގެ މޫނު ލަދުން ރަތްވިއެ ވެ.

"ދެން މަންމަ ވެސް ދައްކަވާ ވާހަކަ." ހުސްނާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުތަންޑު އެޅުމަށް ފަހު ދޮރުގައި ލެގިލަމުން ލޯ މަރާލި އެވެ.

އެންމެ ފަހުން އޭނާ މި ގެ އަށް އައީ އެވެ. އަހަރެންނާ ދިމާލަށް ބުނި ފަދައިންނެވެ. ކޮންމެ ދުވަހަކު ބަށި ކުޅެން ގޮސް ހުންނަ އިރު އޭނާ އަހަރެންނައް ފާރަލަ އެވެ. އަދި މަރީނާ އަތަށް ދީ މާ ވެސް ފޮނުވި އެވެ. އެންމެ ފަހުން މިއަދު ސަހަރާ ކައިރިން ދަނިކޮށް ދިމާވެފަ މި ގެ އަށް އަންނާނެ ވާހަކަ ވެސް ބުންޏެވެ. ހިތާހިތާ ހުސްނާ ވިސްނާލި އެވެ

"މާތްކަލާކޯ. އޭނާ މި ގެ އަށް އައި އިރު ބޭރުގައި ނުހުރެވުނުކަން ނަސީބެެއް." ހުސްނާ އަމިއްލަ އަށް ކިޔާލި އެވެ. އަދި ހިނިތުންވެލި އެވެ. ލަދުވެތިކަމުގެ މާތް ރަތް ކުލަ ހުސްނާގެ މޫނުން ފާޅުވެ އެނގެން ހުއްޓެވެ. ހުސްނާ ކަރީމު އާ ވަރަށް ގަބޫލުވި އެވެ.

ހުސްނާ އާއި ކަރީމްގެ ކައިވެނި ވެގެން ދިޔައީ ހިސާބުގަނޑުގެ ބައެއް އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ހިތުގައި ކޫރުން އެޅިގެން ދިޔަ ކަމަކަށެވެ.
ކަރީމަކީ ވެސް ގިނަ އަންހެން ކުދިންގެ ހިތުގެތެ ޅުމަށް އޮތީވެފަ އެވެ. އެހެނަސް ކަރީމުގެ ހިތުގައި އަބަދުވެސް ރަނިކަން ކުރަމުން އައީ ހުސްނާ އެވެ. މަރިޔާދުގޭ ވަފާ ވެސް މި ކައިވެނީގެ ސަބަބުން ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ވެސް ކުރަން ޖެހުނެވެ.
ކައިވެންޏަށް ފަހު ހުސްނާ ބަދަލުވީ ކަރީމުގެ ގެއަށެވެ.

މިއަދު ކައިވެންޏަށް 10 އަހަރަށް ފަހު ހުސްނާ އާއި ކަރީމު އަށް އެއްމާބަނޑު ދެ ކުދިން ލިބި މިއަދު އެ ދެމަފިރިންގެ ހިތް ވަނީ އުފަލުން ފޮޅިފަ އެވެ. އެ ދެމަފިރިންގެ އުފަލުގައި މުޅި ހިސާބުގަނޑުގެ އެންމެން ވެސް އަމަލީ ގޮތުން ބައިވެރިވި އެވެ.

ހުސްނާ އާއި ކަރީމްގެ ދެ ކުދިން ސާރާ އާއި މުރީދު ބޮޑުވަމުން އައީ ހުސްނާ އާއި ކަރީމުގެ ފުރިހަމަ ތަރުބިއްޔަތުގަ އެވެ. ހުސްނާ އަތް އަތް ގާތްކޮށްލަ ދިނުމަށްޓަކައި ހުސްނާގެ މައިފުށު ބޮޑުދައިތަ މަރިޔިމްފުޅު އެ ގޭގައި އުޅެމުން ދިޔަ އެވެ.

އެނަމާ ބޯޓް ފެތުމުގެ ހާދިސާގައި ހުސްނާގެ މައިންބަފައިން ވަނީ ނިޔާވެފަ އެވެ. މަރިޔަމްފުޅު ކުރީގައި އުޅެމުން އައީ ހުސްނާގެ މަންމަ މެން ކާރީ އެ ގޭގަ އެވެ. އެ ހިތި ހާދިސާ އަށް ފަހު މަރިޔަންފުޅު ނަސީބުގެއަށް ގެނައީ ހުސްނާ އެވެ.
ސާރާ އަށް އުފެދުމުގައިވެސް އޭނާގެ މަންމަގެ ރީތިކަން ވަނީ ލިބިފަ އެވެ.

އެހެނަސް ސާރާއަކީ ލޯފަން ކުއްޖެކެވެ. ޑޮކްޓަރުން ބުނާ ގޮތުންވެއްޖެއްޔާ ސާރާގެ އުމުރުން 12 އަހަރުވާ އިރު ލޮލުގެ ފެނުން ވެސް އެކަށީގެންވެ އެވެ. އެހެން ނޫނީ ޖެހޭނީ އޮޕަރޭޝަންއެއް ކުރާށެވެ. އެކަމަކު އެ ވެސް ސާރާގެ އުމުރުން 12 އަހަރު ފަހުންނެވެ.
މުރާދު އަކީ އިރާދަކުރެއްވީތީ ވަރަށް ސިއްހަތު ރަނގަޅު ކުއްޖެކެވެ. ހުސްނާ އޭނާގެ ރީތި ދެ ކުދިންނަށް ބަލާލައިފައި ހީލި އެވެ. ލޯ އަނދިރިވިޔަސް ހުސްނާ ސާރާ އާ މެދު ފަޙުރުވެރިވެ އެވެ. މިހާރު އެ ދެކުދިންގެ އުމުރުން ވެސް 6 އަހަރު ވީ އެވެ.

އެއް ދުވަހުގެ ހޫނު މެންދުރެކެވެ. މުރާދު ހަމަ މޫދަށް ދާން ރޮނީ އެވެ. އެންމެ ފަހުން ގޮތް ހުސްވެގެން މަރިޔަމްފުޅާ ހަވާލުކޮށް މުރާދު މޫދަށް ފޮނުވަން ހުސްނާ އެއްބަސްވި އެވެ.

"މަރިޔަމް ދައިތާ ނިކަން މި ސޮރު މޫދަށް ގެންގޮސްދީބަލަ. އަބަދު އެހެން ކިޔަނީވިއްޔާ. އެކަމަކު ލަސްނުވެ އަންނާތި އިނގޭ."

ހުސްނާ މުރާދު ގޮވައިގެން މޫދަށް ދިއުމަށް ހުއްދަ ދިނުމުން މުރާދު އުފަލުން ވަރެއްނެތެވެ. ފުމެމުން ބޭރަށް ނިކުތެވެ.

"ބައްޕާ މަންމަ އަޅުގަނޑު މޫދަށް ދާން ހުއްދަ ދެއްވައިފި. ބައްޕަ އަށް ގާކޮޅު ގެނެސް ދޭނަން އިނގޭ." މުރާދު މެދު ގޭތެރޭ އިން ކަރީމުގެ ގައިގާ އޮޅުލައިގެން ހުރެ ނުހަނު ލޯތްބާ އެކު ބުނެލި އެވެ. ކަރީމު ވެސް މުރާދު ނަގާ އުނގުމަތީ ބޭންދި އެވެ. އަދި ބުނެލި އެވެ.

"އެކަމަކު މާ ލަސްނުވާތި އިނގޭ. ކޮއްކޮ ނެތއިއްޔާ ބައްޕިއާ އެކު ކުޅޭނެ ކުއްޖެއްވެސް ނުހުންނާނެ."

"ނޫން. ބައްޕަ އާ އެކު ކުޅޭނެ ސާރާ ދޯ މަންމާ."

ހުސްނާގެ އަތުގައި ހިފައިގެން މެދު ގޭތެރެ އަށް ވަން ސާރާ ވެސް އޭނަ އުޅޭކަން އަންގާލި އެވެ. މިކަމާ ހުސްނާ އާއި ކަރީމު އެކަކު އަނެކަކަށް ބަލާލާފަ ހީލި އެވެ. ކަރީމު އަވަސް އަވަހަށް ސާރާ ނަގައި މެޔާލާ ފިއްތާލި އެވެ.

"ދޮގެއް ނޫން. މަގޭ ރާނީ މި ހީރީނު ދޯ އަދި." ކަރީމު ދެކު ދިންނާ ލޯބި ކުރި އެވެ.

"ކާން ހަދާފަ މި އައީ ހިންގަވާ."

ހުސްނާ ކުދިން ކަރީމު އާ ދުރަށް ލަމުން ބުނެލި އެވެ. ކަރީމު ހުސްނާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ކާ ގެއާދިމާ އަށް ހިނގައިގަތެވެ.

"ހަސަދަ ވަނީދޯ. އަހަރެން ކުދިންނާ ލޯބިކޮށްލީމާ." ކަރީމު ގުދުވެލާފައި ހުސްނާގެ ކަންފަތް ދޮށުގައި ބުނެލި އެވެ.
ހުސްނާ ލަދިވެތިކަމާއެކު ނޫނެކޭ ބުނާ ގޮތަށް ބޯ ހޫރާލި އެވެ.

މުރާދު މޫދަށް ދެވުމުން ހީވީ އެހެން ފަދަ ކަމެއްހެނެވެ. މަރިޔަމްފުޅު ވެސް އާޓިފިޝަލް ބީޗުން ރައްޓެހި ދެ އަންހެނުންނާ ދިމާވެގެން ވާހަކަ ދައްކަން އެތާ ހުންނަ ބެންޗުގައި އިށީނެވެ. އިރުކޮޅުކޮޅާ. މަރިޔަމްފުޅު މޫދާ ދިމާ އަށް ވެސް ބަލާލަ އެވެ.

"މަރިޔަމްފުޅު މިހާރު ހާދަ ކަންޖޫސް ވެއްޖޭ. ފިލްމެއް ބަލާލާކަށްވެ ސް ނުދޭ. ރޭގަ ވެސް ހާދަ ފޯރިއެއް ގޯޅިކަންމަތީ ހުއްޓޭ. މަރިޔަންފުޅާ އުޅޭ ފުޅިބޯން ދޭން މިއަދަކު ސަލާމަތެއް ނުވާނެ ދޯ ހަރީރާ؟"ޝާހިދާޔާ ހަރީރާ މަރިޔަމްފުޅާ ދިމާ ކުރަން ފެށި އެވެ.

މަރިޔަމްފުޅު ވެސް އެ މީހުންގެ ބަހަށް ހެއްލި ކައިރީ ހުރި ކަޑަޔަކާ ދިމާލަށް މިސްރާބު ޖެހި އެވެ. އިރުގަނޑެއްކޮށްލާފައި މަރިޔަމްފުޅުމެން ކުރިން އިށީދެ ތިބި ތަނަށް އަ އެވެ.

މަރިޔަމްފުޅު މޫދާ ދިމާ އަށް ބަލާލިއެވެ. މުރާދު ފެންނާކަށް ނެތެވެ. މަރިޔަމްފުޅާއި އޭނާގެ އެކުވެރިން ތެޅިގަތެވެ. ހޯސްލާފައި މަރިޔަމްފުޅު ގެ ލޮލުން ކަރުނަ އޮހެން ފެށި އެވެ. ހަރީރާ އަވަހަށް ގޮސް ސިފައިންގެ އަށް ހަބަރު ކުރި އެވެ. މަރިޔަމްފުޅު ބިރުވެރިކަމާ ހިތާމަވެރި ހާލު ގެއަށް ގޮސް މި ހަބަރު ގެއަށް ދިނެވެ. ގޭގައި ހީވީ ހިތާމައިގެ އާފާތެއް ކުރިމަތިވީހެނެވެ.

ހުސްނާ އަށް މި ލިބުނު ހަބަރު ބަރުދާސްތު ނުކުރެވުނެވެ. އަނބުރައިގަނެގެން ވެއްޓުނެވެ. ކަރީމުގެ ހާލު ވެސް ވަކި ދެރައެއް ނޫނެވެ. ބޮލުގައި ދެ އަތް އަޅައިގެން ދެ ކަކޫ މައްޗަށް ތިރިވެވުނެވެ. ގޭގައި އެ ވަގުތު އޭނާގެ ރަހްމަތްތެރި ހާލިދާގެ ދެމަފިރިން ތިބީ ހަމަ ނަސީބަކަށެވެ. ހާލިދާ އަވަސް އަވަހަށް ވެއްޓިފައިވާ ހުސްނާގެ ކައިރި އަށް ދިޔަ އެވެ.

"ނަސީމް އަވަހަށް ކަރީމު ގޮވައިގެން ހެދިގޮނޑުދޮ ށަށް ދޭބަލަ. އަހަރެން ހުސްނާ ގޮވައިގެން ހޮސްޕިޓަލަށް ދާނަން. ރުކްޝާނާ، މަރިޔަމްފުޅާ އަވަހަށް ހިނގާ ދެން ވެސް ހުސްނާ ހޮސްޕިޓަލަށް ގެންދެވޭތޯ. ޒައިނަބު ކަލޭ ސާރާ ކަނބުލޮ ކައިރީ ގޭގަ މަޑުކުރޭ. އެއްވެސް ހަބަރެއް ވެއްޖިއްޔާ އަހަރެންނަށް ގުޅާތި." ހާލިދާ ފައްޗެއްހެން އެންމެނައް މަސައްކަތް ހަވާލުކޮށްލި އެވެ.

އޭރު ވާނުވާ ނޭނގި އިން ސާރާ ރޮއި ނަގަ އެވެ. ޒައިނަބު ސާރާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

"ޒައިނަބު ދައްތާ. މަންމަ އަށް ކިހިނެއްވީ؟ މަންމަ ކައިރި އަށް ކޮއްކޮ ގެންދޭ."

"ދަރިފުޅާ. އިހަށް ހިމޭންވޭ. މަންމަ ކައިރި އަށް ޒައިނަބުދައްތަ ކޮއްކޮ ގެންދާނަން." ޒައިނަބު ފިސްވެފައިވާ އަޑަކުން ބުންޏެވެ. ޒައިނަބު މިހެން ބުނުމުން ސާރާ ހިމޭނުން އިނެވެ.

ހާލިދާ ހުސްނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެވެ. ނަސީމު ކަރީމު އާ އެކު ހެދިގޮނޑު ދޮށަށް ދިޔަ އެވެ.
ހެދިގޮނޑު ދޮށުގައި މީހުންތައް އޮތީ ތޮއްޖެހި ބާރުވެފަ އެވެ. ބައެއް މީހުން ކަރީމު ފެންނައިރަށް ކައިރި އަށް އައިސް ހިތާމަފާޅު ކުރި އެވެ.

(ނުނިމޭ)