ރޭ ދިވެހި ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް ގާނޫނު އަސާސީގެ ހުރިހާ މާއްދާއަކަށް އަމަލުކުރަން އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.
އިނގިރޭސި ވިލާތުގެ ފަރާތުން މިގޮތަށް ގޮވާލައްވާފައި ވަނީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން އެވެ.
އޭނާ ވަނީ މިހާރުން މިހާރަށް ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާ އެކު ނިންމާލައި، ގާނޫނުއަސާސީގެ ހުރިހާ މާއްދާއަކަށް އަލުން އަމަލްކުރަން ފެށުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
އަދި މީގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރަށް ފުރިހަމައަށް އަމަލްކުރުމަށާއި އެއްވެސް ހުރަހެއް ނެތި މިނިވަންކަމާ އެކު ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް ރައީސް ޔާމީނަށާއި ދިވެހި ސަރުކާރަށް ގޮވާލާ ކަމަށް ބޮރިސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާއިރު ސުޕްރީމް ކޯޓުގެ 2 ފަނޑޔާރުންނާއި ކުރީގެ ރައީސް މައުމޫން ވެސް ވަނީ ހައްޔަރުކޮށްފައެވެ.