ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިސް މައުމޫން ބަންދުން ދޫކޮށްލި ނަމަވެސް އެބޭފުޅާ ބަންދުން ދޫކޮށްލީ ކޮން ސަބަބަކާއި ހުރެ ކަން ފުލުހުން ބުނެފައި ނުވާކަމަށް ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ފާރިސް މިނިވަންކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކަމެއް ނުވަތަ އިއްޔެ ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލުމަށް ކުރި އަމުރާއި ގުޅިގެން ކަމެއް ފުލުހުން ބުނެފައި ނުވާކަމަށެވެ.
އަދި އެއީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެގެން ނިންމި ނިންމުމެއް ކަމަށް ފުލުހުން ބުނެފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.