ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ރޭ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކޮށްފައި ވާއިރު އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ސަރުކާރުގެ އެ ނިންމުމަމަށް ސަނާ ކިޔަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ހައްޔަރުކުރުމަކީ "ގަޓު" ނިންމެވުމެއް ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ވިދާޅުވަމުން ގެންދަވާއިރު މީގެ 6 އަހަރު ކުރިއަށް ނަޒަރު ހިންގާލާއިރު، އެއީ މިހާރުގެ ރައީސް ޔާމީން ޤަބޫލުކުރެއްވި ގޮތުގައި "ގަޓު" ނިންމެވުމެއް ނޫނެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ތާރީޚުގެ ސޮފުހާތައް އުކަމުން ގޮސް ޖެހިލާއިރު ފެންނަނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކެވެ.
އޭރު ޔާމީން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރުމަކީ ގާނޫނުއަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ނަޝީދު ކުރެއްވި ކަމެކެވެ.
އެހެން ނަމަވެސް މިއަދު ވެރިކަމުގައި ރައީސް ޔާމީން ހުންނެވި އިރު، ފެންނަމުންދަނީ އެވާހަކަތަކާއި ދިމާ އިދިކޮޅަށް އަމަލުކުރައްވަމުން ގެންދަވާ މަންޒަރެވެ.
އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒުކުރެވެން ނެތް ކަމަށް ވިދާޅުވި ތަނެވެ. އެއަށް ފަހު ރައީސް ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކަލު ހާލަތު އިއުލާންކުރިތަން ވެސް ފެނުނެވެ.
ދެން ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ ގޭޓު ވައްޓާލުމަށް ފަހު ސިފައިން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މަންޒަރެވެ.
ފާއިތުވި 12 ގަޑިއެއް ހާއިރު ތެރޭގައި ފެނިފައިވާ ކަންތަކަށް ބަލާއިރު ކުރިއަށް އޮތް ވަގުތުތަކުގައި މިފަދަ އިތުރު މަންޒަރުތަކެއް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.