މިވަގުތު ހުންނެވީ މާމޮޅު ކަމެއް ކުރެއްވިފައި ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް ހައްޔަރުކޮށްފައި ވަނިކޮށް ރޭ ޕީޕީއެމްގެ ރެލީ އެއްގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު މިހިރީ އުފާވެރިކަމުގެ ފިޔަވަޅެއްގަ އެއް ނޫން. އަދި އަޅުގަނޑު މިހިރީކީ މާމޮޅު ކަމެއް ކުރެއްވިގެނެއް ވެސް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެހެން ނަމަވެސް އެމަނިކުފާނުގެ އަޒުމް ވަރުގަދަ ކަމަށާއި އިޚްލާސްތެރިކަން ވެސް އެބަހުރި ކަމަށެވެ.
"މާތް ﷲ ގެ ރަހުމަތް ތަނަވަސްވީ މިފަހަރު، އަޅުގަނޑުގެ މޮޅު ކަމެއް ނޫން، އެންމެން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން މިދިޔައީ ރާއްޖެއަށް މި ކުރިމަތިވި ކަންކަން ނަސްރެއްގެ ގޮތުގަ ފުރޮޅިގެން މިދިޔައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.