އިހަކަށް ދުވަހު ހިތަދޫ ލިންކް ރޯޑްގައި ހުންނަ ތެޔޮ ޝެޑް ހިސާބުގަނޑުގައި ހުރި ފިހާރައަކަށް ފެންފުޅިއެއް ގަންނަން ވަން އިރު އެތާނގައި ތިބި ބަޔަކު ދައްކަނީ މި ވާހަކަ އެވެ؛ ލިންކް ރޯޑްގައި ހުންނަ ކޯހެރޭ ކެފޭ ކުރިމަތީގެ ހޭޅިފަށަށް ބަތް އުކާލާފައި ހުންނަ ވާހަކަ އެވެ. އެކަމާ ހުރެ އެ ސަރަހައްދުން ނުބައި ވަސް ދުވާ ވާހަކަ އެވެ.
އެ ދިމާލުގައި ހުންނަ ޖޯލިފަތީގައި ތިބޭ އިރު، މެއްސާއި މާބުރުގެ ތުރާ ކުރިމަތިވާ ވާހަކަ އެވެ. ދުވާ ނުބައި ވަހުން ނޯއް ދަމާލަން ނުކެރޭ ވާހަކަ އެވެ. އަދި އެކަކު ބުނި ގޮތުގައި އެ ދިމާލަށް ދޮށި ހިފައިގެން މަހެއް ބާނަން ނިކުމެ އުޅެނިކޮށް މީގެ ދުވަސްކޮޅެއް ކުރިން އޭނާ ބަތް ފުންޏެއްގެ ތެރެއަށް ގަނބައިގެން ވެސް ގަތެވެ.
ކުނި ބަތް ވަހާ ހެދި އެ ހިސާބުގަނޑުގައި މަޑުކޮށްލައިގެން ތިބެން އުނދަގޫ ވާހަކަ އެވެ. މި ބަހުސް ކުރަމުން އެކަކު ބުނި ގޮތުގައި އެ ދިމާލަށް ކުނި ބަތް އުކަނީ އެ ސަރައްދުގައި ހުންނަ ގޭބިސީތަކުންނެވެ. އެކަމަކު ދެން ހުރި މީހާ އެކަމާ އެއްބަހެއް ނުވި އެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި ހޭޅިފަށަށް ބަތް އުކަނީ ކޯހެރަ ކެފޭއިންނެވެ.
ކޮންމެއަކަސް މީގައި މުހިއްމީ އެކަން ކުރާ ބައެއް ނޫނެވެ. މުހިއްމުވެގެން އުޅެނީ އެކަން ކޮންމެ ކޮންމެ ބަޔަކު ކުރިޔަސް، އޭގެ އުނދަގުލާ ހެދި އެތައް ބަޔަކު ކުރިމަތިލާން ޖެހިފައިވުމެވެ. މިފަދަ ކަންކަމާ ހެދި އާންމު ސިއްހަތަށް ވެސް ގެއްލުން ވެދާނެ އެވެ.
އެހެންވެ ކުނިވެފައި ހުންނަ ކާބޯތަކެތި އާންމުން އާންމުކޮށް އުލޭ ހިސާބުތަކަށް އުކައި ހެދުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. މީގެ ސަބަބުން ސިއްހީ ބަލިމަޑު ކަމެއް ވެސް ފެތުރިދާނެ އެވެ.
ހޭޅިފަށަށް ބަތް އުކާ ބަޔަކު އެކަން ހުއްޓާލަން އެބަ ޖެހެ އެވެ. ކޯހެރެ ކެފޭ ދިމާއަކީ އާންމުކޮށް މީސްމީހުން ހިނގާބިނގާވެ އަދި ވެހިކަލްތަކުގައި ވެސް ދަތުރު ކުރާ ސަރަަހައްދަަކަށްވާތީ މީގެ އުނދަގުލާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭނެ އެވެ.
އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.