ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް އެޗްއާރް ފޯރަމް 2018" ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މި ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ މެއި 3، 2018 ގައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި، ހިއުމަން ރިސޯސަސްގެ ދާއިރާގައި މަސައްކަތް ކުރާ އެގްޒެކެޓިވްސްއިން އެއް ތަނަކުން ބައްދަލުވެ، މިދާއިރާގައި ހުރި ކަންތައްތަކާއި ގުޅިގެން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ. އެގޮތުން މިދާއިރާގައި ހުރި މުހިއްމު މައްސަލަތަކަށް ބަލާނެއެވެ.
އަދި އޮފީސްތަކުގައި މަސައްކަތްކުރައްވާ ލީޑަރޝިޕްގެ ބޭފުޅުންނަށް ދިމާވާ މައްސަލަތައްވެސް ދިރާސާކުރާނެއެވެ.
މި ފޯރަމްގައި އެޗްއާރްގެ ދާއިރާއިން ތަޖްރިބާ ލިބިފައިތިބި އެކްސްޕާޓުންނާއި ކޮންސަލްޓަންޓުން، ވާހަކަދައްކަވާ ތަޖްރިބާ ހިއްސާކުރައްވާނެއެވެ.
މި ފޯރަމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާރޗް 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ސީއެމްއޭއިން ބުންޏެވެ. ފޯރަމްގެ ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ forum.academy.mv އިންނެވެ. އަދި ފޯރަމްގައި ބައިވެރިވެވޭނީ 100 ޑޮލަރު އަށެވެ.