އައްޑޫގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ޕެކެޖިން ސެންޓަރެއް ހިންގައި މެނޭޖް ކުރާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލައި މުއްދަތު ހަމަވި އިރު، އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައި ނުވާތީ އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކުރިން ދިން މުއްދަތު ހަމަވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.
މިނިސްޓްރީން ބުނީ ޕެކެޖިން ސެންޓަރު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލާ ގުޅޭ މަޢުލޫމާތު ކަރުދާސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ސެންޓަރުގައި މި މަހުގެ 13 ވަނަ ދުވަހު މެންދުރު ފަހު 2:00 ގައި އޮންނާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ވިޔަފާރިތަކަށް މާކެޓް ކުރުމުގެ އިތުރު ފުރުސަތުތައް ލިބެން އޮތީ އުފައްދާ ތަކެތި ރަނގަޅު ފެންވަރަކަށް ޕެކެޖް ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެން ކަމަށެވެ.
އަދި ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރި އާއި އެކިއެކި ޕްރޮސެސްޑް ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް އިތުރުވެ ތަރައްޤީވެ ތަރައްގީވަމުން އަންނާތީ އެ ތަކެއްޗަށް ރަނގަޅު މާކެޓެއް ހޯދައި ދީ ވިޔަފާރިތައް އިތުރަށް ތަރައްޤީ ކުރުމަށް ޕެކެޖިން ސެންޓަރެއް ހިންގުން މުހިއްމު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ތާޒާ އަދި ޕްރޮސެސް ކުރާ ކާބޯތަކެތި އައްޑޫގައި ޕެކް ކުރެވޭނެ ތަނެއް ހޯދައި، އެ ޕެކެޖިން ސެންޓަރު އޮޕަރޭޓް ކުރަން ބޭނުންވާ ބައެއް މެޝިނަރީ ވެސް ހޯދާފައިވާ ކަމަށެވެ.