ސ. ފޭދޫ ސްކޫލްގެ ގްރޭޑް ހައެއްގައި މިދިޔަ އަހަރު ކިޔަވަމުން ދަނިކޮށް ބަނޑަށް ހަތް މަހުގައި ވިހޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ޖަލަށް ލުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ހިމެނޭ ދެ މީހުންގެ ތެރެއިން އަންހެން ކުއްޖާގެ ބޮޑު ބޭބެ ފޭދޫ ކޯޒީކޯނާ އުމުރުން 46 އަހަރުގެ އާދަމް ސައީދު (ކުދު ކޯޒީ) 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އިރު، އަންހެން ކުއްޖާ އަށް ތަފާތު އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމަށް ފުލުހުންގެ ތަހުގީގަށް ވެސް ސާބިތުވެފައިވާ މަރަދޫފޭދޫ ގުލްފާމްގޭ މުހައްމަދު ޖާވިދް، 38، 14 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ އެ ދެ މީހުންގެ ތެރެއިން ޖާވިދުގެ ޑީއެންއޭ އާއި 11 އަހަރުގެ އަންހެން ކުއްޖާ ވިހެއި ކުއްޖާގެ ޑީއެންއޭ ސާމްޕަލް ވެސް ދިމާވެ އެވެ. އަދި ޖާވިދު އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސް އުޅެނީ އެ ކުއްޖާގެ މައިންބަފައިންގެ ރަހުމަތްތެރި ކަމުގައި ކަމަށާއި އެގޮތަށް ގޮސް އުޅުމުގެ ތެރޭގައި ތަފާތު އެކި ފަހަރު މަތިން ގަދަކަމުން އަންހެން ކުއްޖާ އަށް ޖާވިދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގާރަ އަހަރުގެ އަންހެން ކުއްޖާ ބަނޑަށް ހަތް މަހުގައި ވިހާފައި ވަނީ ނޮވެމްބަރު 1، 2012 ގަ އެވެ. ވިހޭ އިރު ބަރުދަނުގައި 600 ގްރާމް ހުރި ކުއްޖާ ވަނީ ވިހޭ ދުވަހު ފަހު ދުވަހު މަރުވެފަ އެވެ.