ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަ ކުރެވޭތީ އެފަދަ ވާހަކަތައް ނުދައްކަން އެމްއެންޑީއެފުން ގޮވާލައިފި އެވެ.
ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި އައިސްއާ ގުޅުން އޮންނަ ބަޔަކު ތިބި ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކަށް އިޝާރާތްކޮށް އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަ ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި އެއީ ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭ ފަދަ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"ވީމާ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އަދި ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް ނަސޭޙަތްތެރިވެ އިލްތިމާސް ކުރަމެވެ." ބަޔާނުގައި ބުންޏެވެ. "ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ލާޒިމުކުރާ ޤާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެ ކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ."