Last Updated: November 25, 22:26
Monday, November 25, 2024

(އެޕްރީލް 3، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ކަރީމު ހިތްވަރުކުރޭ. މިއީ ވެސް އިމްތިހާނެއް. ކެތްތެރިވާން ޖެހޭނެ." ފަރުހާދު ކަރީމުގެ ކޮނޑުގައި އަތް ބާއްވަލަމުން ބުނެލި އެވެ. ފެންކަޅިވެފައިވާ ކަރީމު ބޯ ޖަހާލި އެވެ. ތެދެކޭ ބުނާ އުސޫލުންނެވެ.

"މި އޮތީ ފެނިއްޖެ." މާ ބާރަށް މޫދުގައި އޮތް މީހަކު ގޮވާލި އަޑަށް ހުރިހާ އެންމެންގެ ސަމާލުކަން އެދިމާލަށް ދިޔަ އެވެ.

ހުދުއަސްރުމާގޭ ހަމީދު ކުޑަކުޑަ މުރާދު އަތްމައްޗަށް ނަގައިގެން އަންނަނީ އެވެ.

"ނޭވާ އެބަލައިތަ؟" އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު ގޮވާލި އެވެ.

"އާނ ކޮންމެވެސް ވަރަކަށް އެބަލަޔޭ،" ހަމީދު ކަރީމު ކައިރި އަށް ޖެހިލަމުން ބުނެލި އެވެ.

"ދަރިފޅާ މަގޭ މުރާދު ލޯ ހުޅުވަބަލަ. ބައްޕަ ދޫކޮށްފަ ނުދާތި." މުރާދުގެ ގައިގެ އެތައް މިތާ ބޮސްދެމުން ކަރީމު ރޮމުން ހަޅޭއްލަވަމުން ދިޔަ އެވެ.
ނަސީމު އަވަސް އަވަހަށް ކަރީމު ހިފެހެއްޓި އެވެ. ކަރީމު ބިރުގެންފައިވާ ކުޑަކުއްޖެއް ފަދައިން ނަސީމުގެ ގައިގައި ބައްދައިގަތެވެ.

"ނަސީމް….އެސޮރު އަހަރެން….ނާ ވާހަކަ..ނުދެއްކިޔޭ މާތްކަލާނކޯ…"

"ކަރީމު ކެތްކުރޭ.. އެކަލާންގެ މަތިން ހަނދާން ކުރޭ އިރާދަފުޅު ކުރެއްވީޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. ހިނގާ އެ ސޮރު ގޮވައިގެން ހޮސްޕިޓަލަށްދަމާ." ހަމީދު އެ ސޮރު ގޮވައިގެން ކާރަށް އަރައި ހޮސްޕިޓަލަށް މިސްރާބު ޖެހި އެވެ. ފުރިހަމަ ސްޕީޑުގަ އެވެ.

އެ މީހުންނަށް ހޮސްލިޓަލަށް ދެވުނު އިރު ހޮސްޕިޓަލުގައި ވެސް މީހުންތައް އޮތީ ފުރި ބާރުވެފަ އެވެ. އެއީ ދިވެހިންގެ އާދަ އެވެ. ކަމެއް ވެއްޖިއްޔާ ކަމާނުބެހޭ މީހުން އޮންނާނީ އެތަނެއްގައި ފުރި ބާރުވެފަ އެވެ.

ހާލިދާ ވެސް ހުރީ ހުސްނާ ގޮވައިގެން ގޮސް ހޮސްޕިޓަލުގަ އެވެ. ޑޮކްޓަރުންގެ މިންނެތް މަސައްކަތުން ހުސްނާގެ ހާލު އައީ ރަނގަޅުވަމުންނެވެ. ކަރީމުމެންނަށް އާދެވުނު އިރު ހުސްނާ އަށް އޮތީ ނިދިފަ އެވެ.

"ހާލިދާ. ހުސްނާގެ ހާލު ކިހިނެއް؟" އެމެޖެންސީ ޑިޕާޓްމަންޓުން ހާލިދާމެން ފެނިގެން ނަސީމު ސުވާލު ކުރި އެވެ.

"ހުސްނާ ކޮންމެވެސް ވަރަކަށް ރަނގަޅު. އެސޮރު ކިހިނެއް؟" ހާލިދާ ވެސް ނަސީމު އާ ގާތަށް ޖެހިލަމުން މަޑުމަޑުން އަހާލި އެވެ.

"ޑޮކްޓަރުން އެބައުޅުއްވާ އެކަމާ ވެސް. ކަރީމު އެބަހުރި ކައިރީގައި މިހާރު މަ ވެސް މި ދަނީ އެ ދިމާލަށް."

ޑޮކްޓަރުން ވަގުތުން މުރާދު އަށް ފަރުވާ ދޭން ފެށި އެވެ. މެންދުރަކާ ގާތްވެގެން އައި އިރު ހުސްނާ އަށް ތެދުވޭ ވަރުވެއްޖެ އެވެ.

"ހާލިދާ މަގޭ ދަރިފުޅު ކޮބާ؟ އަހަރެން އެ ސޮރު ކައިރި އަށް ގެންދޭ. ހެޔޮ ނުވާނެ ހާލިދާ." ހުސްނާ މޫނުގައި ދެ އަތް އަޅާފައި ބާރަށް ރޮއިގަތެވެ. މަންމައެއްގެ ހިތުގެ ހާލަތު ފެނިފައި އެވަގުތު އެތާ ތިބި އެންމެންގެ ލޮލުން ކަރުނަ ހިލުނެވެ.

"މަންމާ.." ކުޑަކުއްޖެއްގެ އަޑުން ހުސްނާ އާއި ހާލިދާ ސިހިފައި އެނބުރިލި އެވެ.

"ސޫރަޖް ދަރިފުޅާ. ދަރިފުޅު އައީ ކޮންއިރަކު އައީ؟" ހާލިދާ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލި އެވެ.

އުމުރުން ފަސް އަހަރުގެ ސޫރަޖްއަކީ ހާލިދާ އާއި ނަސީމުގެ ހަމައެކަނި ދަރިފުޅެވެ. ސޫރަޖް ފަސް އަހަރު ސާރާ މެންނަށް ވުރެ ބޮޑެވެ.

(ނުނިމޭ)