މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިލްމާ އެކު ޖުމްލަ ނުވަ އެވޯޑް ހޯދި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކާމިޔާބު ފިލްމް "ވާށޭ މަށާއެކީ" މިރޭ އައިސް ޓީވީން ޕްރިމިއާ ކުރާ ގޮތަށް ނިންމައިފިފި އެވެ.
އެޕްރީލް، 5، 2016 ގައި ރިލީޒް ކުރި ފިލްމް ފުރަތަމަ ފަހަރަށް ޓީވީން ޕްރިމިއާ ކުރާނީ މިރޭ 9:00 ގަ އެވެ. ފިލްމްގެ ޓްރެއިލާ އެޗްޑީ ޗެނެލް އައިސް ޓީވީން މިހާރު އަންނަނީ ދައްކަމުންނެވެ.
"ވާށޭ މަށާއެކީ" އަކީ މަހުދީ އަހުމަދު ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ދިވެހި ސިނަމާގެ ފުރަތަމަ ރޮމޭންޓިކް ކޮމެޑީ އެވެ. މި ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާ އެވެ. އަދި އެ ތަރިންނާ އެކު ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދެ އެވެ.
އަމިއްލަ ރާގުގެ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭ "ވާށޭ މަށާއެކީ" ވަނީ ރާއްޖޭގެ ވަަރަށް ގިނަ ރަށްރަށާއި ސްރީލަންކާގައި ވެސް ދެއްކި އެވެ. މި ފިލްމްގެ ވަރަށް ކާމިޔާބު ޝޯތަކެއް އައްޑޫގައި ވެސް ދެއްކި އެވެ.
ދިވެހި ފިލްމް އެވޯޑްސްގައި 22 ނޮމިނޭޝަން ލިބުނު "ވާށޭ މަށާއެކީ" އުފުލައިލި އެވޯޑްތަކުގެ އިތުރު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރު، ބަތަލާ އަދި ބަތަލު ފާހަގަކޮށްލެވެ އެވެ.
މިރޭ އައިސް ޓީވީން މި ފިލްމް ޕްރިމިއާ ކުރުމަށް ފަހު ހުކުރު ދުވަހުގެ ރޭ ޑާކް ރެއިންގެ "އެންމެ ފަހު ވިންދާ ޖެހެންދެން" ވެސް އެ ޗެނެލުން ހުކުރު ދުވަހުގެ ރޭ ދައްކަން ވަނީ ހަމަޖެހިފަ އެވެ. ޖުމައްޔިލް އާއި މަޖޫ ލީޑް ރޯޅު ކުޅުނު އެ ފިލްމަކީ 2015 ގައި ރިލީޒް ކުރި ފިލްމެކެވެ.
މީގެ ކުރިން "އެންމެ ފަހު ވިންދާ ޖެހެންދެން" ވަނީ ވީޓީވީން ދައްކައިފަ އެވެ.
ޑާކް ރެއިނުން ދެން އެންމެ އަވަހަށް ސްކްރީނަށް ގެންނާނީ އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "ވަކިން ލޯބިން" އެވެ. މި ފިލްމްގެ ޝޯތަކެއް އައްޑޫގައި ވެސް ދައްކާނެ އެވެ.