ރާއްޖޭގައި ގެސްޓް ހއުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ސަބަބުން، ރާއްޖޭގައި ވަޒީފާގެ ފުރުޞަތު ދެގުނަވެ، އާމްދަނީ އިތުރުވެ، ތަނަވަސް ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް އުޅެވެން އެބަ އޮތް ކަމަށް ދިއެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ގެސްޓް ހައުސް ހިންގުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙްކޮށް ދެއްވުމަށް އިއްޔެ ހަވީރު ލ. ގަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މި ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ދެގުނަ ވެގެން ދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ފެންނަ ފެނުމުގައި ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު މިއަށް ވުރެ އެތައް ތަނަކުން ރަނގަޅު ކުރެވެން އެބަ އޮތް ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލެވެން އެބަ އޮތް ކަމަށެވެ. އެ ދިރިއުޅުން ރައްޔިތުންނަށް ހޯދައި ނުދީ، އެ ތަނަވަސްކަން ރައްޔިތުންނަށް ގެއްލުވާލައި، ހީލަތްތެރި ރޭވުމެއްގެ ދަށުން ރައްޔިތުން ހިފަހައްޓައި، އޮބަހެއްޓުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ވިސްނުމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރު ކުރުމުގެ ފަހިކަން އެބަ އަންނާން ޖެހޭ ކަމަށާއި އަދި އެއަޕޯޓްތައް އުފެދި އެ އެއަޕޯޓްތަކަށް ބައިނަލްއަޤްވާމީ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމް ފަހިވެ، އެއަޕޯޓްތަކުން ކައިރީގައިވާ ރިސޯޓްތަކަށް ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު ދެވޭނެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމްވާން ޖެހޭ ކަމުގަ އެވެ.
އެއާޕޯޓެއް އެޅުމުގެ ނަމުގައި 10 އަހަރު ދުވަސް އެކަމުގައި އުޅެން ގަސްތު ނުކުރާ ކަމަށާއި ހަތަރު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި އެއާޕޯޓެއް އަޅާ ނިންމަން ޖެހޭނެ ކަމަށެވެ. އަދި 2013 ވަނަ އަހަރު ރަށްރަށުގައި އެއަޕޯޓްތައް ހެދުމުގެ މަސައްކަތް އަނެއްކާވެސް ބާރަށް އަޅުގަނޑުމެން ކުރިއަށް ގެންދާނެކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމުގައި، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީވެ ދިއުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ހުޅުލޭ އެއަޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުގައި އަނެއްކާވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ބާރަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގަ އެވެ.
އެމްޑީޕީގެ އަމާޒަކަށްވެފައި އޮތީ 2013 ވަނަ އަހަރު ނިމޭ އިރު ހުޅުލޭ އެއަޕޯޓަކީ 5 މިލިއަން މީހުންނަށް ޚިދުމަތްދެވޭ އެއަޕޯޓަކަށް ހެދުންކަމަށާއި، ނަމަވެސް، ބަޣާވާތުގެ ސަރުކާރުން އެފުރުޞަތު އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑަށް ގެއްލުވާލާފައި ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އާންމު ހާލަތު މިއަދަށްވުރެ ކިތަންމެ ތަނެއް ރަނގަޅުކުރެވެން އެ ބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ ފަލްސަފާއަކީ މުޅި ދިވެހިރާއްޖޭގެ މުއްސަނދިކަމަކީ ރާއްޖޭގެ ރައްޔިތުން ބޭނުން ކުރާ މުއްސަނދި ކަމަކަށް ހެދުން ކަމަށެވެ. ޤަވާއިދު ތަކެއްގެ ދަށުން އެ މުއްސަނދިކަން ބޭނުން ކުރިޔަ ނުދީ ހުއްދަތައް ހިފަހައްޓައިގެން ތިބެ ރާއްޖޭގެ ރައްޔިތުން މިއުޅޭ ހާލުގައި އުޅެން ދޫކޮށްލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި އިރާދަކުރެއްވިއްޔާ ދެން ވެސް އުފެދިގެން އަންނާނީ އަނެއްކާ ވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ދިގު މުއްދަތަކަށް ޖަލަށްލުމަށް އުޅުއްވި ބޭފުޅުން ދެން ނުތިއްބަވާނެ ކަމަށާއި ނަމަވެސް، އެ މަނިކުފާނުގެ ނަންފުޅު އިރާދަކުރެއްވިޔާ ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭޙަކަމާ އެކު އެއްބުރުން އެމްޑީޕީއިން ކާމިޔާބު ކުރާނަންކަމަށާއި އަދި އެއިންތިޚާބު ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ރައްޔިތުންގެ ފޮނި އުންމީދުތައް ހަޤީގަތަކަށް ހަދައި ދިނުން ކަމަށެވެ.
ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތު ގަމުގައި ނަޝީދު އިއްޔެ ހަވީރު އިފްތިތާޙްކޮށް ދެއްވި އިރު، ރާއްޖޭގެ 19 އަތޮޅާއި 2 ސިޓީ އަދި 22 ރަށުގައި އެކު އެކީގައިހެން އެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ޙަފްލާތައް ކުރިއަށް ދިއަ އެވެ.