ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަކީ ހަމައެކަނި މައުމޫނު ހަމީދަށް އެނގިލައްވާ އެއްޗެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މައުމޫނު ހަމީދަށް ވުރެ ރަނގަޅަށް ގާނޫނު އަސާސީ އެނގޭ މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ.
ޤާނޫނީ ވަކީލް މައުމޫނު ހަމީދަށް ފާޑުވިދާޅުވެ އަދުރޭ ފާހަގަކުރި، ޤާނޫނު އަސާސީ "ދަންނަ މީހުންނަކީ"، ބަންޑާރަ ނައިބު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރެވެ.
"ގާނޫނު އަސާސީއަކީ ހަމައެކަނި މައުމޫނު ހަމީދަށް އެނގިލައްވާ އެއްޗެއް ނޫން. ގާނޫނޫ އަސާސީ މާރަނގަޅަށް ދަންނަ މީހުން މިރާއްޖޭގައި އެބަތިބި. އެއަށްވުރެ ރަނގަޅަށް އާޒިމާ ޝަކޫރަށްވެސް އެނގިލައްވާނެ. އަނިލްއަށްވެސް އެނގިލައްވާނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ފާޑުކިޔުންތައް މައުމޫން ހަމީދަށް އަމާޒުވެފައިވާއިރު، އެބޭފުޅާ އަކީ މި ސަރުކާރުން ޤާނޫނާއި ޚިލާފަށް ކުރާ ކަންތަކުގެ ވާހަކަ ދެއްކެވުމުން ކަމަށް ބެލެވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލައިގައި ވެސް ވަކީލުކަން ކުރެއްވީ މައުމޫނު ހަމީދެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވަކީލަކީ ވެސް މައުމޫން ހަމީދު އެވެ.
އެއަށްވުރެ މާރަނގަޅަށް ގާނޫނު އަސާސީ އެނގިލައްވާ މީހުން މިސަރުކާރުގައި އެބަތިއްބެވި.