ސިޔާސީ ކުށްވެރިންތަކެއް މިނިވަން ކުރުމަށާއި މަޖިލީހުގެ އިދިކޮޅު 9 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަަޅައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރި ނަމަ، ރާއްޖޭގައި ލޭ އޮހޮރުވުން ހިނގައި، ގަތުލުކުރުމާއި ހަމައަށް ކަންކަން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން މަސައްކަތް ކުރީ ހަމަޖެހުން ނަގާލުމަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހިސާބަށް ކަންކަން ދިއުމުން ކޯޓްގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން ހައްޔަރުކޮށްފައި ތިބި ބަޔަކު ދޫކޮށްލާނަމަ އެ މަނިކުފާނުގެ ސަޕޯޓަރުން "މަޑުން ނުތިބޭނެ" ކަމަށެވެ.
"ހައްޔަރުން ވީއްލާ ހިސާބުން 2 ފަރާތުގެ މީހުން މަގުމައްޗަށް ނުކުންނާނެ. ހަމަ ގައިމު ވެސް އަޅުގަނޑަށް ތާއިދުކުރާ މީހުންނަށް މަޑަކުން ނުތިބެވޭނެ މި ހުރިހާ މުޖުރިމުން ދޫކޮށްލާއިރަކު އެއް. އެ މީހުންގެ ފަރާތުން ވެސް ބަޔަކު ނުކުންނާނެ. އެ ދިޔައީ ކޮން ކަމެއްތޯ. އެ ދިޔައީ އަޅުގަނޑުމެންގެ ތެރޭގައި ލާއިންސާނިއްޔަތާއި ތަޅާފޮޅުމަކަށް. އޭގެ ނަތީޖާ ފަހަރުގައި ހަމަ ގަތުލުކުރުމާ ހަމައަށް ވެސް ހިނގައްޖައީސް ކަން ނޭނގެ. ހަމަ ގައިމު ވެސް ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުން އެމަނިކުފާނު މަގާމުން ވަކިކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެކަމާއި 3 ފަނޑިޔާރަކު ދެކޮޅު ހެއްދެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "ދެ ވަނައަށް ވެސް ކުރަން އުޅުނު ކަމަކީ މަގުމައްޗަށް މީހުން ނެރެ ލޭ އޮހޮރުވުން،" ކަމަށެވެ.
ބަންޑާރަ ނައިބު މަގާމުން ދުރުކުރަން އަމުރެއް ނެރުމަށް ބަހުސް ވެސް ކުރެއްވި ކަމަށާއި އެ އަމުރު ނުނެރެވުނީ މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވޯޓް ނުދެއްވުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.