އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އާއި ހައުސިން މިނިސްޓްރީން 2015 ވަނަ އަހަރުން ފެށިގެން ހަވާލުވި ފަހުން އެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރެވެއެވެ. ހައުސިންގެ އިސްވެރިން ބުނާގޮތުން މަގުތައް ނުބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ މޯލްޑިވްސް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ.
އެމްއާރްޑީސީ އާއި ހައުސިން އިން އެއްބަޔަކު އަނެއް ބައެއް ބަދުނާމު ކުރުމުގެ މަސައްކަތުގައި 2 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރި އިރު، އޭގެ ހުރިހާ ތަކުލީފެއް އޮތީ އައްޑޫގެ ރައްޔިތުންނަށެވެ.
ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ގޮތަށް ހުރި އެތައް ކާނުތަކެއް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މަގުތަކުގައި އެބަހުއްޓެވެ. އެހެން ނަމަވެސް އެ މަންޒަރު އައްޑޫގައި ތިއްބެވި ހައުސިން މިނިސްޓްރީގެ އިސްވެރިންނަކަށް ނުފެނެއެވެ.
މި ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރި ފަރާތުން ބުނެފައިވަނީ، "ޤައުމު ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް އިރު އަހަރުމެން މިތިބީ ނުރައްކަލުގައި. މިއިން އެއްޗަކަށް ނުވެއްޓޭތި. ކާނުގަނޑު ތަކަށް ސަމާލުވާން ވާނެ" ކަމަށެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ހުރި ކާނުތަކުގެ މަތިގަނޑު ހަލާކުވާ މައްސަލަ ހައްލުކުރުމަށް ހައުސިން އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް އޮތް ހުރަހަކީ، "ބޭނުންވާ ކޮލިޓީ އަށް މަސައްކަތް ކުރާނެ ބަޔަކު ނުލިބުން" ކަމަށެވެ.
އޭނާ ވިދާޅުވީ، ކާނުތައް އެންމެ ފަހުން ހެދި ފަރާތުން އޭގެ ފެންވަރު ދަށްކޮށް ހަދާފައިވުމަކީ އަވަހަށް ހަލާކުވާ ސަބަބު ކަމަށެވެ.
އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.