އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ހަ ކިލޯ މީޓަރުގެ ބޮޑު މަގުގައި ތާރު އަޅައި ދިނުމަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު ދެންނެވުމަށް ވަރަށް ކުލަގަދަ ޙަފްލާއެއް ސ. ފޭދޫގައި ބާއްވައިފި އެވެ.
ފޭދޫ ދާއިރާގެ ރައީސް އަބްދުﷲ ސައީދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީ އަށް ރައީސް ނަޝީދުގެ ސަރުކާރުން ފަށައި ދިން ޕްރޮޖެކްޓްތަކުން ހަމައެކަނި ހުއްޓުމެއް ނެތި ކުރިއަށްދާ ޕްރޮޖެކްޓަކީ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ދިނުމުގެ ޕްރޮޖެކްޓް ކަމަށެވެ.
ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ކޮށްދެއްވަން ފަށައިފައިވާ މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، ލަންކާގެ އައިސީސީ ކުންފުނީގެ މީހުން ކުރަމުން އެ ގެންދަނީ ވަރަށް ބުރަ މަސައްކަތެއް ކަމާއި ބޮޑު މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް މަގު ހަދައި ދިނުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ފަސޭހަ ލިބިގެން ދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އެހެންވެ ނަޝީދަށް ޝުކުރު ދެންނެވުމަށާއި ލަންކާގެ އައިސީސީ ކުންފުނިން ހުއްޓާނުލާ މި މަސައްކަތް ކުރިޔަށް ގެންދާތީ ކުންފުނީގެ އެންމެހައި ފަރާތްތަކަށާއި ކޮންސްޓަކްޝަން މަސައްކަތުގައި ހީވާގިކަމާ އެކު މަސައްކަތް ކުރާ އެންމެންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ފަރާތްތަކަށް ތައްޔާރުކޮށްގެއް ކެއުމެއް ވަނީ ބާއްވާފަ އެވެ. އަދި މި ކެއުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ފޭދޫ ދާއިރާގެ މެމްބަރުންނާއި ދާއިރާގެ ހިންގާ ކޮމިޓީގެ ބޭފުޅުންނެވެ.
އެމްޑީޕީީ ފޭދޫ ދާއިރާ އޮފީސް ކުރިމަތީގަ ބޭއްވި މި ކެއުމުގެ ޙަފްލާގައި ބައިވެރިވީ ބޮޑު މަގުގައި ތާރު އެޅުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި ލަންކާ އައިސީސީ ކުންފުނީގެ މިހާރު އައްޑޫގައި އުޅޭ އެންމެންނާއި އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުންނާއި ދާއިރާތަކުގެ އިސްކޮށް އުޅުއްވާ ބޭފުޅުންނާ އަދި އައްޑޫ ސިޓީގެ މެމްބަރުންނާއި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގެ ބޭފުޅުންނެވެ.
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގު ހެދުމުގެ މަޝްރޫއު އިފުތިތާހުކޮށްފައި ވަނީ ކުރީގެ ރައީސް ނަޝީދާއި ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ނޮވެމްބަރު 10، 2011 ގަ އެވެ.