ބޭންކް އޮފް މޯލްޑިވްސްެ އިން އަތޮޅުތެރޭގައި ދެމުންދާ ކޭޝް އެޖެންޓް ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ފައިސާ ޖަމާކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ފުރަތަމަ ދޭން ފެށުމަށް ބޭންކުން ނިންމާފައިވާ 5 ރަށުގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފައްޓާފައިވަނީ ރ. ހުޅުދުއްފާރު ގައެވެ.
ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޭންކިންގ ޚިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކޭޝް އެޖެންޓްގެ ޚިދުމަތް ފައްޓާފައިވަނީ 2014 ވަނަ އަހަރުގައެވެ. ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކާ އެކު ފެށުނު ފައިސާ ނެގުމުގެ ޚިދުމަތް ވެގެން ގޮސްފައިވަނީ މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ފައިދާކުރުވަނިވި ޚިދުމަތެއްގެ ގޮތުގައި ކަމަށް ބޭންކުން ހާމަކުރެއެވެ.
2016 ވަނަ އަހަރު ބޭންކުންވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓް ޚިދުމަތް ޤާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ. މިހާރު ބީއެމްއެލް އިން މި ޚިދުމަތް ދެމުން އަންނަނީ 230 ކޭޝް އެޖެންޓުންނާއެކުގައެވެ.
މިތަޢާރަފްކުރި ފައިސާ ޖަމާކުރުމުގެ ޚިދުމަތް މެދުވެރިކޮށް އެއްވެސް ފީ އަކާ ނުލައި ކަސްޓަމަރުންނަށް ދުވާލަކު 10،000 ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ ޖަމާކުރެވޭނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑަށައި ލޯނަށްވެސް ފައިސާ ދެއްކޭނެއެވެ. ގިނަ ރަށްތަކުގައި މި ޚިދުމަތް ދޭން ފެއްޓުމުގެ ކުރިން މި ޚިދުމަތް ފުރަތަމަ ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ 5 ރަށެއްގައެވެ.
މި ޚިދުމަތާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ ކޭޝް އެޖެންޓް ޚިދުމަތަކީ އަތޮޅުތަކުގައި ވަރަށް މަޤްބޫލް ޚިދުމަތެއް ކަމަށާއި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތް ހުޅުދުއްފާރުގައި ފެށުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ޚާއްސަ އުފަލެއް ކަމަށެވެ.
"ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ގާއިމްކުރުމަކީ އެހާމެ ފައްސޭހަކަމެއް ނޫން. ނަމަވެސް ކޭޝް އެޖެންޓުން މެދުވެރިކޮށް މިދަނީ މިފަދަ އާބާދީ ކުޑަ ރަށްތަކުގައި ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެމުން" ޝަރީފް ވިދާޅުވިއެވެ.