މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ސިއްހަތަށް ފައިދާ ހުރި ގޮތަށް ކާނާ ތައްޔާރުކޮށް ދިނުމާ ބެހޭ ހަރަކާތެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
އައްޑޫގެ ސިއްހީ ދާއިރާ އާއި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ވެސް ގުޅިގެބް މިއަދު ބާއްްވާ ކެއްކުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މަރަދޫގަ އެވެ. އެ ޕްރޮގްރާމް ރަސްމީކޮށް މިއަދު ހަވީރު ލޯންޗް ކުރަން ހަމަޖެހިފައި އޮތް ނަމަވެސް މިއަދު މެންދުރު 2:00 ގެ ފަހުން ކެއްްކުމުގެ ބައި ކުރިއަށް ގެންދާ ގޮތަށް ވަނީ ރާވައިފަ އެވެ.
މި ހަރަކާތުގައި ކެެއްކުންތެރިއެއްްގެ ގޮތުން އިސްކޮށް ހަރަކާތްތެރި ވާނީ މަރަދު އަށް ނިސްބަތްވާ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިއާ ވަޖުދީ އެވެ.
ސޮސައިޓީ ފޮ ދި ހެލްތު އެޑިއުކޭޝަން (ޝީ) އާ ގުޅިގެން މަސައްކަތް ކުރާ އިންޓަނެޝަނަލް ޕޭރަންޓްހުޑް ފެޑެރޭޝަންގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ސައީދު ވިދާޅުވީ މަރަދޫގައި ކުރިއަށް ގެންދާ ކެއްކުމުގެ ހަރަކާތަކީ ލޭ މައްޗަށް ދިއުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން، ސިއްހަތަށް ފައިދާ ހުރި ގޮތަށް ކުރިއަށް ގެންދާ ހަރަކާތެއްް ކަމަށެވެ. އެގޮތުން މާބަނޑު އަންހެނުންނާއި އެ ނޫން ވެސް މީހުންނަށް ފައިދާ ހުރި ގޮތަށް ކާނާ ތައްޔާރު ކުރާނެ ގޮތް ޖުވޭރިއާގެ އިރުޝާދުގެ ދަށުން ދަސްކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މަރަދޫ ރަށު އޮފީސް ކުރިން ހިންގި އިމާރާތުގައި މިއަދު ކުރިއަށް ގެންދާ ހަރަކާތުގައި އެ ރަށުން 25 ވަރަކަށް އަންހެނުން ބައިވެރިވާނެ ކަމަށެވެ.
"މީގެ އެންމެ ބޮޑު މަގުސަދަކީ ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތަށް ކާނާ ތައްޔާރު ކުރާނެ ގޮތް ކިޔައިދީ އެކަން ކުރާނެ ގޮތް ދެއްކުން،" އޭނާ ވިދާޅުވި އެވެ. "އޭރުން ކުރިއަށް އޮތް ތަނުގައި އެ މީހުން އަމިއްލަ އަށް މިފަދަ ގޮތަށް ކާނާ ތައްޔާރު ކުރަން އެނގި އޭގެ ފައިދާ ސިއްހަތަށް ކުރާނެ."