ރިސޯޓެެއްގެ ގޮތުގައި ތަރައްގީ ކުރާ ހަންކެޑެއިގެ އީއައިއޭގެ މަސައްކަތް މިހާރު ކުރަމުން އަންނާތީ މި މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހަންކެޑެ އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު މި ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލް އިދާރާ އިން އެދެ އެވެ.
ސަތޭކަ ކޮޓަރީގެ ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީ ކުރަނީ ސިންގަޕޫރުގެ ކްރެސެންޑާސް ގްރޫޕުންނެވެ. އެގޮތުން މި މަޝްރޫއުގެ މަސައްކަތް ނިންމައި އަންނަ އަހަރު ރިސޯޓް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަންކެޑެ ތަރައްގީ ކުރާ އިރު އެ ރަށުގެ ތެރޭގައި އޮތް ލިންކް ރޯޑް ރަށުގެ ހުޅަނގު ފަރާތަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައި ވަނީ އައްޑޫގެ ތިން ރަށެއްގެ މަގު މިހާރު ހަދަމުން އަންނަ ސްރީ ލަންކާގެ އައިސީސީ އިންނެވެ.