ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ރައީސް އަަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ފާސް ކުރެވުނަސް އަދި ނުކުރެވުނަސް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްވިޔަސް އަދި ނުވި ނަމަވެސް ރައީސް ޔާމީންގެ މަސައްކަތަކަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.
15 ދުވަހުގެ މުއްދަކަށް މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވިޔަސް އަދުރޭ ވިދާޅުވި ގޮތުގައި އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސް ޔާމީނަށް ލިބި ވަޑައިގަންނަވައެވެ.
ޕީޕީއެމްގެ ނައިބު ރައީސް މިހެން ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު ވާހަކައެކެވެ.
ޤާނޫނު އަސަސީގެ 257 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާތާ، 14 ދުވަސް ތެރޭގައި އެ ގަރާރު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި 257 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ރައީސްއަށް ފެނިއްޖެ ހިނދެއްގައި އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުން އެކަން ފާސް ކުރަން ޖެހެ އެވެ.