(އެޕްރީލް 7، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ދެމަފިރިން އެކުގައި ނަމާދުކޮށް އެކަލާންގެ ހަޒުރަތަށް ދުއާ ކުރި އެވެ. އޭގެ ބަދަލުގައި މާތްﷲ އެމީ ހުންނަށް ދެ ކުދިން އެއް ފަހަރާ ދެއްވި އެވެ. މިއަދުގެ މި ހާދިސާ ވެސް ކަރީމު ހުސްނާ އަށް ހިތްވަރު ދެނީ އެވެ. އޭނާގެ ހިތުގެ އުދާސްތައް ފޮރުވައިގެނެވެ. ހުސްނާކުޑަކޮއް ހަމަޔަކަށް އެޅުނެވެ. އަދި މަޑުމަޑުން ގޮނޑީގައި އީށީނެވެ.
"އަޅުގަނޑަށް މާފު ކުރޭ. މި ހުރިހާ ކަމެއް މިވީ އަޅުގަނޑުގެ ސަބަބުން." ހުސްނާގެ ފައި ކައިރީ އިށީނދެ ފައިގައި އޮޅުލައިގަ ންނަމުން މަރިޔަމްފުޅު އާދޭސް ކުރި އެވެ.
"މަރިޔަމް ދައިތާ ތެދުވޭ. އޭގައި މަރިޔަމް ދައިތަގެ ކުށެއް ނެތް. އިންސާނުންނަށް ކަންތައް މެދުވެރި ކުރައްވަނީ މާތްﷲ. މުރާދު އަށް ހެޔޮ ދުއާ ކޮށްދީ."
ކުއްލިއަކަށް މުރާދު ކެއްސަން ފެށި އެވެ. ހުރިހާ އެންމެންގެ ސަމާލުކަން އެ ދިމާ އަށް އެނބުރުނެވެ.
"ދަރިފުޅާ. މުރާދު…މަންމަގެ ލޯބިވާ ދަރިފުޅާ…" ހުސްނާ ކެތްތެރިކަން ކުޑަވެފައި ހުރެ މުރާދުގެ ގައިގާ އޮޅުލަމުން ދިޔަ އެވެ. ނަސީމު އެވަގުތު ޑޮކްޓަރު ގެނަ އެވެ.
"އިހަށް ހުރިޙާ ބޭފުޅުން ބޭރަށް ވަޑައިގަންނަވާ." ޑޮކްޓަރު ކަރީމު އާއި ހުސްނާ އާ ދިމާ އަށް ބަލާލަމުން ބުނެލި އެވެ. ހުރިހާ އެންމެން ބޭރަށް ނިކުތެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރު ކޮށްފައި ޑޮކްޓަރު ހިނިތުންވެ ހުރެ ދޮރު ހުޅުވި އެވެ. އެވަގުތު ބޭރުގައި ތިބި މީހުން ތިބީ ވާނުވާ ނޭނގި ކޮޅުކޮޅަށް ހިނގާލަ ހިނގާލަ ތިއްބެވެ. ހުސްނާ ހުރީ ހާލިދާގެ ގައިގައި ތަތްވެގެންނެވެ.
"މަރުހަބާ. ތިހާ ލޯބިވާ ބައެއްގެ ދުއާ މާތްﷲ އިޖާބަ ކުރައްވައިފި. މިހާރު މުރާދު އާ ބައްދަލު ކުރައްވާ."
ހުރިހާ އެންމެންގެ ލޯ އުފަލުން ވިދައިގަތެވެ. ހުސްނާ ދުވެފައި ގޮސް މުރާދު ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. އެހެން މީހުން ވެސް ހުސްނާގެ ފަހަތުން އެކޮ ޓަރި އަށް ވަނެވެ.
ވަރުބަލިކަމާ އެކު ލޯ ހުޅުވައިގެން އެހެނަސް ހެވިފައި އޮތް މުރާދު ފެނުމާ އެކު ހުސްނާ ލޯތްބާ އެކު ޝަކުވާ ކުރަން ފެށި އެވެ.
"ގޮސްގެން ނުވާނެ… މީގެ ފަހުން ދުވަހަކު ވެސް މޫދަށް ގޮސްގެން ނުވާނެ… އަޑުއިވިއްޖެ…" މުރާދުގެ ގައިގައި ބައްދާލައިގެން އިށީދެ އިނދެ ނުހަނު ލޯތްބާ އެކު ހުސްނާ މުރާދަށް ހަޅޭއްލި އެވެ. އެހަޅޭކުގައި މައެއްގެ ލޯބީގެ އަސަރު ވެ އެވެ. އޯގާތެރިކަން ވެ އެވެ.
ކަރީމު ވެސް މުރާދުގެ ބޮލުގައި ފިރުމާލި އެވެ. މުރާދު މަޑުމަޑުން ކަރީމު އާ ދިމާ އަށް އެނބުރުނެވެ. އަދި އިޝާރާތުން ކަރީމު އޭނާގެ ކައިރި އަށް ގެނައެވެ. އަދި ސިއްރު ސިއްރުން ކަރީމުގެ ކަންފަތް ކައިރީ ބުންޏެވެ.
"ބައްޕާ…އަދި ކޮއްކޮ އަށް މޫދަށް ދެވޭނެ ދޯ؟"
ހުރިހާ އެންމެން މިކަމާ ހޭން ފެށި އެވެ. ހުސްނާ ހާލިދާގެ ދެ މަފިރިންނާ ދިމާ އަށް ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލާލި އެވެ. ހާލިދާ ވެސް ހިނިތުންވެލަމުން އައިސް މުރާދު އާ ކަރާ ކަރު ޖައްސައި ސަލާމް ކުރި އެވެ.
މިއަދު އެއް ހަފުތާ ވަންދެން ހޮސްޕިޓަލުގައި އޮތުމަށް ފަހު މުރާދު ގެ އަށް ފޮނުވި އެވެ. މިކަމާ އެންމެ ބޮޑަށް އުފާފާޅުކޮށްފައި އުޅެނީ ސާރާ އެވެ.
(ނުނިމޭ)