ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު މިވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ދައުރުގެ ބޭރުން ބޭއްވި ޚާއްޞަ ޖަލްސާގައި 40 މެންބަރުން ބައިވެރިވެ ވޯޓު ދިން 38 މެންބަރުންގެ އިއްތިފާގުން ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމަން ފާސްކުރި ނަމަވެސް، ޤާނޫނު އަސާސީ ބުނާގޮތުން މަޖިލީހުން މިއަދު ފާސްކުރި ޤަރާރަށް ދިވެހި ރައްޔިތުން ޢަމަލުކުރަން ނުޖެހެނޭއެވެ.
މަޖިލީހުން މިއަދު ފާސްކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުން އަމަލުކުރަން ނުޖެހެނީ އެ ޤަރާރު ފާސްކުރިއިރު ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ އަދަދަށް މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ނެތުމުންނެވެ.
ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަން ޖެހޭ ކޮންމެ އެއްޗެއް ފާސްކުރުމަށްޓަކައި ނަގާ ވޯޓު މަޖިލީހުގައި ނަގާއިރު މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދަކަށް މެންބަރުން މަޖިލީހުގައި ތިބެ، އެވޯޓުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.