Last Updated: January 10, 14:07
Friday, January 10, 2025
ޚަބަރު

އެމްޑީޕީ އައްޑޫ ބޮޑު ވެހިކަލް ބުރު މާދަމާ ހަވީރު

އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގުޅިގެން މާދަމާ ހަވީރު ވެހިކަލް ބުރެއް ޖެހުމަށް އެމްޑީޕީ އައްޑޫ ދާއިރާއިން ނިންމައިފިއެވެ.

އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބްރާހިމް ރަޝީދު (އިބުރޭ) މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ހަވީރު 4 ޖަހާއިރު އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ވެހިކަލް ބުރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގެ އެމްޑީޕީ އޮފީސް ދޮށައް ހަވީރު 4 ޖަހާއިރު އައުމަށް ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫގެ 3 އަވަށެއްގައި ހުކުރު ދުވަހު ރައްޔިތުން ނިކުމެ އަޑުއުފުލަނީ. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ވެހިކަލް ބުރަށް ފުލުހުން ވަނީ ހުރަސް އަޅާފައި.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިމިގެން ދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ވަނީ އައްޑޫގައި ވެހިކަލް ބުރެއް ބާއްވާފައެވެ. ނަމަވެސް ފުލުހުން ވަނީ ވެހިކަލް ބުރަށް ހުރަސް އަޅައި ހުއްޓުވާފައެވެ.

ފުލުހުން ޝީލްޑާއި އެކު މަގުމައްޗަށް ނިކުމެ ހިތަދޫ ވެހިކަލް ބުރު ހިތަދޫ ބޮޑު މަގު ޝީޝާ ކައިރިން ހުއްޓުވި އިރު މަރަދޫން ނިކުމެ ހިތަދޫއަށް ދާން އުޅުނު މީހުން ވަނީ ހަންކެޑެ ބްރިޖް މަތިން ހުއްޓުވާފައެވެ.

މާދަމާގެ ހަރަކާތަކީވެސް ސުލްހަވެރިކަމާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެ ބުރަށް ހުރަސް ނޭޅުމަށް ސިފައިންނާއި ފުލުހުންނަށް އިލްތިމާސް ކުރާކަމަށް އެމްޑީޕީ އައްޑޫ ދާއިރާއިން ވަނީ ބުނެފައެވެ.