Last Updated: November 25, 21:09
Monday, November 25, 2024
ޚަބަރު

ނުގެންގޮސް ހުރި ޓޯކޮށްފައިވާ އުޅަނދުތައް ނައްތާލަނީ

އައްޑޫ ސިޓީގައި ފުލުހުން ޓްރެފިކް އޮޕަރޭޝަނެއްގައި ހަރަކާތް ތެރި ވަނީ.

ގަވައިދާ ޚިލާފަށް މަގުމަތީގައި ޕާކްކޮށްފައި ނުވަތަ ބަހައްޓާފައި ހުރުމުގެ ސަބަބުން 2008 އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަވިސް އިން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން މިހާތަނަށް ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކުގެ ޖޫރިމަނާ ފައިސާ ވެރިފަރާތުން ދެއްކުމުން އެ އުޅަނދެއް އުޅަނދުގެ ވެރިފަރާތާއި ޙަވާލުކުރުމަށް 03 މަސް ދުވަހުގެ މުޙުލަތެއް އުޅަނދުތަކުގެ ވެރިފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސަވިސް އިން ދީފި އެވެ.

އަދި 28 މާޗް 2013 ވަނަދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަވިސް އިން ޓޯކޮށްފައިވާ އުޅަނދުތަށް ދޫކުރުމަށް އެ އުޅަނދެއްގެ ޖޫރިމަނާ ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން 2008 އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން 2009 އޭޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ޓޯކުރެވިފައިވާ އެއްގަމު އުޅަނދުތައް ދޫކުރެވޭނީ ޤާނޫނު ނަމްބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ “ޢާއްމު ޤަވާޢިދުގެ” (ބާރަވަނަ ބާބުގެ) 96 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމާ އެކު، އެ ޤަވާޢިދުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދު ނެގުމަށް ދިޔަ ޚަރަދުގެ ޖޫރިމަނާ ފައިސާއާއި، 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އެއްގަމު އުޅަނދު ނެގިކަން އިޢުލާން ކުރާ ދުވަހުން ފެށިގެން 03 ދުވަހުގެ ތެރޭގައި އުޅަނދަކާއި ބެހޭ މައްސަލަ ނުނިންމައިއޮވެ، ހޭދަވާ ކޮންމެ ދުވަހަށްވާ ޖޫރިމަނާ ފައިސާގެ ތެރެއިން 11 ދުވަހުގެ ޖޫރިމަނާއަށް ވާ ފައިސާ ދެއްކުމުންނެވެ.

މީގެ އިތުރުން 2009 އޭޕްރީލް 14 ވަނަދުވަހުން ފެށިގެން 2012 ޖެނުއަރީ 04 ވަނަދުވަހުގެ ނިޔަލަށް ޓޯވ ކުރެވިފައިވާ އެއްގަމު އުޅަނދު ދޫކުރެވޭނީ ޤާނޫނު ނަމްބަރު 2009/5 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 06 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރަތަމަ ފަހަރަށް ނަމަ، -/250ރ (ދުއި ސައްތަ ފަންސާސް ރުފިޔާ)، ދެވަނަ ފަހަރަށް ނަމަ، -/500ރ (ފަސް ސަތޭކަ ރުފިރާ) އަދި ދެފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750ރ (ހަތް ސަތޭކަ ފަންސާސް ރުފިޔާ) ގެ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

އަދި 2012 ޖެނުއަރީ 05 ވަނަދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޓޯވ ކުރެވިފައވާ އުޅަނދުތައް ދޫކުރެވޭނީ ޤާނޫނު ނަމްބަރު 2009/5 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ “އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާއިދު” ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރަތަމަ ފަހަރަށް ނަމަ -/250ރ (ދުއި ސައްތަ ފަންސާސް ރުފިޔާ) ދެވަނަ ފަހަރަށް ނަމަ -/500ރ (ފަސް ސަތޭކަ ރުފިޔާ) އަދި ދެވަނަ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750ރ (ހަތް ސަތޭކަ ފަންސާސް ރުފިޔާ) ގެ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

މިކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަމަޖައްސާފައިވަނީ ތިން މަސްދުވަހުގެ މުޙުލަތަކަށް ވާތީވެ މި މުއްދަތުގެ ތެރޭގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން އުޅަނދުތަކާއި ޙަވާލު ނުވެއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ވެރިފަރާތުން ޙަވާލު ނުވެ ހުރި އުޅަނދުތައް ޤަވާއިދުގައިވާ ގޮތުގެމަތިން ނައްތާލާނެ ކަމަށާއި އެގޮތުން އުޅަނދުތަކުގެ ވެރި ފަރާތުން ވީހާ ވެސް އަވަހަކަށް ޕޮލިސް ޓޯ ޔާޑަށް ހާޟިރުވެ ކަނޑައެޅިފައިވާ ގޮތުގެ މަތިން އުޅަނދަކަށް ދައްކަވަން ޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އުޅަނދު ގެންދެވުމަށް މޯލްޑިވްސް ޕޮލިސް ސަވިސްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.