ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓަރ ޖެނެރަލް ބިޝާމް އާއި އޭޖީ އޮފީހުގެ ބައެއް އިސް ވަކީލާއިން މިވަނީ ވާހަކަ ދައްކަވާފައެވެ.
އެވާހަކަތަކާއި އެކު އެއީ "ފިސާރި ކަނބަލުން" ކަމުގައި ބުނެ ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ގެންދަނީ ތައުރީފް ކުރަމުންނެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ފާއިތުވި، 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަނިޔާ އާއި ބޭއިންސާފު ތަހައްމަލް ކުރަން ޖެހުނު އިރު މި ވަކީލާއިން ކޮބައި ހެއްޔެވެ؟
ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި އެ އޮފީހުގެ ވަކީލުން:
ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް އައްޔަން ކުރުމުގެ ކުރިން ބިޝާމް ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައެވެ. ޕީޖީ ކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ސިޔާސީ އެތައް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ ޝަރީޢަތް ހިމެނެއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް އެބޭފުޅާގެ މައްޗަށް ޖަލު ހުކުމެއް އިއްވި އިރު އެކަމުގައި ޕީޖީގެ ދައުރެއް ވެސް އޮތްކަން ފާހަގަކުރެވެއެވެ.
ޤާނޫނީ ނިޒާމުގެ އުސޫލުތަކާއި ދިމާ އިދިކޮޅަށް ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޝަރީޢަތް ރަނގަޅު ކަމަށް ދައުވާ ކުރަމުން ޕީޖީ އޮފީހުގެ ވަކީލުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ބިޝާމްގެ ޕީޖީ ކަމުގައެވެ.
އެއިން އެއްވެސް ޝަރީޢަތެއް ގޯސްވެގެން އެވާހަކައެއް ބިޝާމް ވެސް އަދި ޕީޖީ އޮފީހުގެ ވަކީލާ އަކު ވެސް ނުދައްކަވައެވެ. އެ ވަކިލާއިން ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި އިރު ދައުވާ ލިބޭ ފަރާތްތަކަށް ޤާނޫނީ ގޮތުން ލިބިދޭ ހައްގުތައް ނިގުޅައިގަނެވިފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ނުވިއެވެ.
"އިންޓެލިޖެންސް ރިޕޯޓް" ތަކާއި "ސިއްރު ހެކިން" ގެ އެހީތެރިކަމާއި އެކު ސިޔާސީ ފަރާތްތަކާއި ސިޔާސީ ހަރަކާތްތަކުން ހައްޔަރު ކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ޕީޖީގެ ވަކީލުން ފޯރީގައި މަސައްކަތް ކުރެއްވިއެވެ.
މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ
18 ވަނަ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ފަދަ އެތައް ޤާނޫނެއް ފާސްކޮށްފިއެވެ. މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އެތައް މެންބަރުންނެއްގެ ހައްގުތަކުން އެބޭފުޅުން ނިގުޅައިގަނެފިއެވެ.
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި އޮއްވާ ހައްޔަރުކޮށް އެތައް މަހެއް ވަންދެން ޖަލުގައި ބަންދުކޮށްފައި ހުރި އިރުވެސް ފިލްޒާ އެކަމާއި ދެކޮޅު ހައްދަވާފައެއް ނުވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރަށް ވޯޓަށް އެހުމަށް ތައްޔާރުވެފައި ވަނިކޮށް ފިލްޒާ މަޖިލިސް ދޫކުރައްވައި ވަޑައިގެންނެވި ކަމަށް ވާހަކަ ދެކެވެއެވެ. އެހެން ނަމަވެސް ފިލްޒާ މަޖިލިސް ދޫކުރައްވައި ވަޑައިގަތީ ޤަރާރު ފާސްކުރަން އުޅުނު ގޮތުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
އޭޖީ އޮފީހުގެ ވަކީލުން
ދިވެހިރާއްޖޭގެ ސިވިލް ސާވަންޓުންގެ ސާވިސް އެލަވަންސުން ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ފައިސާ އުނިކުރަމުން ދިޔައިރު އެކަން ދިފާއުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި ހައި ކޯޓުގައި އޭޖީ އޮފީހުގެ ވަކީލުން ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ. ހައިކޯޓާއި ހިސާބުން ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ދިނުމަށް އަމުރުކޮށްފައި ވާއިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެކަން ހުއްޓުވާނީ ވެސް ބެލެވޭ ގޮތުގައި ހަމަ އޭޖީ އޮފީހުގެ ވަކީލުންނެވެ.
ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ހަނިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު އެކަމުގައި އޭޖީ އޮފީހުގެ ވަކީލުންގެ ބައިވެރިވުން ކުޑައެއް ނޫނެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ހުރި އުސޫލްތަކާއި ދިމާ އިދިކޮޅަށް ސަރުކާރުން ކަންތައް ކުރަމުން ގެންދިޔައިރު އެ މަންޒަރު ބައްލަވައިގެން ދައުލަތުގެ ވަކީލުން 4 އަހަރަށް ވުރެ ގިނަ ދުވަހު ތިއްބަވައިފިއެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ޤާނޫނާއި ޚިލާފަށް ސަރުކާރުން ފާޅުގައި އަމަލުކުރަން ދަނިކޮށް މިއަދު ދައުލަތުގެ ބައެއް ވަކީލުން ނިކުމެވަޑައިގެން ޤާނޫނު އަސާސީ އާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލުމަކީ އުފާވެރި ކަމެކެވެ.
އެހެން ނަމަވެސް އެއީ އެބޭފުޅުން މާޒީގައި ބޭއިންސާފައި އަނިޔާ އަދި ޤާނޫނާއި ޚިލާފް ކަންތައް ކުރުމަށް ދިން އެއްބާރުލުން ހަނދާން ނައްތާލަން ޖެހޭ ކަމެއް ވެސް ނޫނެވެ.