(އެޕްރީލް 8، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އަނެއްކާ ވެސް މުޅި ނަސީބުގެ ހީވަނީ އަލަތު ކައިވެންޏަކަށް ތައްޔާރު ކޮށްފައިވާ ތަނެއް ހެންނެވެ. މުޅި ގޭތެރެ ފުރިފައި ވަނީ އުފާވެރިކަމުގެ ކުލަވަރުންނެވެ. ކަރީމު އޭނާގެ މަރުން ސަލާމަތްވި ދަރިފުޅަށްޓަކައި ހަރަދުކޮށްލީ އެއްވެސް ބަލާލުމެއް ނެތި އެވެ. ވާނީ ވެސް އެހެން ނޫންތޯ އެވެ؟ މުރާދު އާއި ސާރާއަކީ އެ ދެ މަފިރިންގެ ތިބި ހަމަ އެކަނި ދެ ފުރާނަ އެވެ.
މަރިޔަމްފުޅު ވެސް ހީވަނީ އުދުހެމުންދާ ދޫންޏެއް ހެންނެވެ. އެކި ފަރާތް ފަރާތަށް ހެލިހެލިވާ އިރު ޅަ ކުއްޖަކަށް ވުރެ މާ ޒުވާންހެން ވެސް ހީވެ އެވެ.
އަނގަ ހަލުއިވެފައި މީހުން ކައިރީ ކަންތަކަށް އަމުރު ކުރާލެއް އަޑު ހަރެވެ. މިކަމާ މަސައްކަތު ތިބި އަންހެން ވެރިން ވެސް މަރިޔަމްފުޅަށް ހަޖޫ ކިޔަމުން ދިޔަ އެވެ.
"މަރިޔަމްފުޅާ… މި އުފާވެރި ވަގުތު ނިކަން މަރިޔަމްފުޅުގެ އަޑުން ލަވައެއް ކިޔާލަދީބަލަ.. މަރިޔަމްފުޅަކީ ލަވަ ކިޔާ މީހެއްކަން ހާލިދާ އޮތީ އަހަރެމެން ކާރީ ބުނެފައި." ރިޒާނާ އެންމެންގެ ތެރެއަށް ނިކުމެ ހުރެ މަރިޔަމްފުޅުގެ ބޮޑު ސިއްރުގެ ވާހަކަ ގޮވާލި އެވެ. ދެނަކާ ދެނެއް ނެތެވެ. ހުރިހާ އަންހެންވެރިން ހީވީ މަރިޔަމްފުޅުގެ ބޮލަށް އަރައިގަތް ހެނެވެ.
"ނާ…. ހަމަ ތެދެއް؟… ފުޅާ…މިއަދު ބުޅާ މިއޮތީ ގޯނިން ބޭރުވެފައި…ދެނެއް ސަލާމަތެއް ނުވާނެ."
"ފުޅާ… މިއަދު ފުޅު ލަވައެއް ނުކީއްޔާމު ދުވަހަކު ފުޅަކަށް ލަވައެއް ނުކިޔޭނެ." ނާހިދާ ވެސް މަރިޔަމްފުޅާ ދިމާކޮށްލި އެވެ.
"ފުޅު ލަވަ ކިޔާނެ ހަމަ އެންމެ ގޮތެއް މަށަށް އެނގޭ…ނިކަން ކާސިމްބެ މި ތަނަށް ގެނެސްބަލަ.. އަމުދަކުން ނުބުންޏަސް ފުޅު ލަވަ ކިޔަން ފަށާނެ.. ފުޅު ތެލި ދޮންނަން އަތިރިޔަށް ދާއިރު ކާސިމްބެ ފުޅާ ބައްދަލު ކުރާކަން މަށައް އެނގޭ… ލޮލުން ވެސް ދެކެފިން." ހަރީރާ މިހެން ބުނާ އިރަށް ނާހިދާ ކުރިޔަށް ޖެހިލާފައި ފުޅުގެ އަތުގައި ހިފާ އެންމެންގެ މެދަށް ނެރުނެވެ.
"މަ ވެސް އަޑު އެހިން. ފުޅާ ކުރީ ރޭ މަށާ މަގޭ ފިރިމީހާ ދަރުބާރުގޭ ކައިރީ ފިނިކޮށްލަން އިށީބދެ ތިއްބާ ވެސް ފުޅު މީހަކަށް ލަވަ ކިޔައިދޭ އަޑު މަ އެހިން… ހޫނ.. އެއީ ކާސިންބެތާ." ނާހިދާގެ މި ވާހަކައިން ހުރިހާ އެންމެން ބާރަށް ހޭ ހޭން ފެށި އެވެ. މާ އަޑުގަދަވެގެން ކަންނޭނގެ އެވެ. ހުސްނާ ވެސް ވެގެން އުޅޭ ގޮތެއް ބަލާލަން ބޭރަށް ނިކުތެވެ.
"އާދޭސްކޮށްފަ ބުނަން…މަ ދޫކޮށް ލާފަ މިތިބަ ޒުވާނުން ގައިގަ ކަލޭމެން ހިފާބަލަ. އެ ތިބީ ޝިމްލާ އާ ސާދާ ވެސް. ޝިފާޔާ އައިންތުވެ ސް ފަރީދާ އާއި ރިޒާނާ ވެސް ނިކަން ދޭބަލަ އެ ކުދިން ކައިރި އަށް. ކިހާ ވަރުގަދަ ކަމެއް ކަލޭ މެނާ ހެދި." ރުޅި ވެރިކަމާ އެކު މަރިޔަމްފުޅު މީހުންނާ ދިމާ އަށް ހަޅޭއްލަމުން ގޭ ތެރެއަށް ވަދެގެން ދިޔަ އެވެ.
ކާސިމް ބެ އެވަގުތު ނަސީބު ގެއަށް އަ އެވެ. ކާސިމްބެ ގެއަށް އައުމާ އެކު ޒުވާން އަންހެން ކުދިންގެ ފައުޖެއް ކާސިމްބެ ވަށާލި އެވެ.
"ކާސިމްބޭ… މިވަގުތު ކާސިމްބެގެ ހިތުގައި ހިނގާ ޝުއޫރު ނިކަން އަޅުގަނޑުމެންނަށް އިއްވާލަ ދީބަލަ. ކާސިމްބެ އެންމެ ލޯބި ވަނީ ކާކު ދެކެތަ؟" ނާހިދާ ކާސިމްބެ އާ ދިމާކޮށްލި އެވެ.
"ނާހިދާ…ކާސިމްބެ ޅަ ދުވަހުއްސުރެ މިއަދާ ހަމައަށް ވެސް ލޯބިވީ އެންމެ މީހެއް ދެކެ އެންމެ ފަހަރަކު. އެހެނަސް ކާސިމްބެގެ ބައްޕަގެ އެދުމުގެ މަތިން އެހެން މީހަކާ ކައިވެނިކޮށް އެ މީހާ އަށް ވަފާތެރިވިން. އަދި ފަސް ކުދިން ލިބި މިހާރު މި ހިރީ އަނބި ނިޔާވެ ހުވަފަތްވެފައި. މިހާރު ވެސް ބޭނުން ވަނީ އެންމެ ފުރަތަމަ ދުވަހުވީ ލޯތްބެއް. އެ މީހާ… ކާސިމްބެގެ ކުރިމަތީ އޭނާ ހުރޭ.. އެހެނަސް…" ކާސިމްބެ ގޭ ތެރޭ ހުރި މަރިޔަމް ފުޅާ ދިމާ އަށް ބަލާލަމުން އިސް ދަށައް ޖަހާލި އެވެ.
"ކާސިމްބެ ދޮގު ނުލާ ބުނެބަލަ. ކާސިމްބެގެ ފުރަތަމަ ލޯބިވެރިޔަކީ މިގޭ މަރިޔަމްފުޅެއް ނޫންތަ؟" ރިޒާނާ ކުރިއަށް ޖެހިލާފައި ކާސިމްބެ ގެ ކުރިމައްޗަށް އަރާ އަހާލައިފި އެވެ.
"މަރިޔަމްފުޅާ… މަށާ އިންނަން ކެރިދާނެތަ؟" ކާސިމްބެ އެ ވަގުތު އެތާ ކައިރިން ލާފައި ދިޔަ މަރިޔަމްފުޅު އަތުގައި ހިފާލަމުން ގާތަށް ދަމާލާފަައި އަހާލި އެވެ.
ކާސިމްބެގެ މި ކަންތަކުގެ ސަބަބުން މަރިޔަމްފުޅު ލަދުން އޮޅެން ފެށި އެވެ. ކާސިމްބެ އާ މަރިޔަމްފުޅުގެ ކަންތަކާ ހެދި ހުރިހާ އެންމެން ހޭން ފެށި އެވެ. ހިތުގާވީ ކަލާގެ ނަމެވެ. ލޮލުގައިވީ ކަލާގެ ނޫރެވެ. ހިތްހަމަޖެހުމަކީ ކަލާޔާ އެކުގައިވުމެވެ.
ދިރިއުޅުމުގައި ވަނީ ކަލާގެ ހަނދާންތަކެވެ. ސާފު ލޯބި ދޭނުހޭ؟ މި ހިތަށް ފިނިކަމެއް ދޭނުހޭ؟ ޒުވާނަކީމެއް ނޫނޭ މުސްކުޅިޔަކީމޭ.
އެހެނަސް ހިތްމަގޭ ޒުވާނޭ ކަލާ އަށް ޓަކައި ހަނދުވަރުގެ ރިހި އައްޔަށް ވުރެ ކަލާގެ މޫނު އަލި ގަދަ އެވެ. ހިތުގެ ހަމަޖެހުމަކީ ހަމަ ކަލާއެވެ.
(ނުނިމޭ)