މިއަދު އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމްގެ ފަރާތުން "މަގެ ދީނާއި މަގެ ޤައުމާއި ނުކުޅެއްޗޭ" ނަމުގައި ބޭއްވި ހަރަކާތަށް އެއްވި މީހުންގެ އަދަދު މަދު ކަމަށް ބުނެ މާލެއިން އެ ހަރަކާތަށް އައި ވަފްދުގެ ބޭފުޅުން ނުރުހުން ފާޅުކޮށްފިއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫގައި ހުންނަ ސަރުކާރުގެ ކުންފުންޏެއްގެ ސީނިއަރ މުވައްޒަފަކު ބުނިގޮތުގައި، މާލެ އިން އައި ވަފުދުގައި ހިމެނޭ ވަޒީރަކު ވަނީ މީހުން އެއްކުރުމަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެފައެވެ.
" ވަޒީރުން ވެސް ފާހަގަކުރި މިއަށް ވުރެ ގިނަ މީހުން އެއްކުރެވޭނެ ކަމަށް. އައްޑޫގެ ހުރިހާ ރަށަކުން ޕީޕީއެމް އަށް މިއަށް ވުރެ ބޮޑު ކްރައުޑެއް އެއްކުރެވެން ޖެހޭނެ ކަމަށް ބުނެ އެބޭފުޅުން ވާހަކަ ދެއްކި." އޭނާ ބުންޏެވެ.
ޕީޕީއެމްގެ ފަރާތުން ހިތަދޫގައި މިއަދު ބޭއްވި ހަރަކާތަށް ތައްޔާރު ވުމަށް އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރި އިރު އެމަސައްކަތްތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ.
އައްޑޫގެ ހުރިހާ ރަށަކުން އަދި މާލެއިން އައި ގިނަ ބަޔަކު މިއަދު ހަވީރު ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ހަރަކާތުގައި ބައިވެރިވިއެވެ. އެ އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވި ނަމަވެސް އެމީހުންގެ އަދަދު މީގެ ކުރިން ޕީޕީއެމުން އައްޑޫގައި ބޭއްވި އިވެންޓްތަކާއި ބަލާއިރު މަދުކަން ފާހަގަކުރެވެއެވެ.