ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚު ހޫނުވާ ކޮންމެ ފަހަރަކު އޭގެ އަސަރު ފުލުހުންނާއި ސިފައިންނަށް ކުރުމަކީ އާ ކަމެއް ނޫނެވެ. ސަރުކާރުގެ އިސްވެރިން ބޭނުންވާ ކަންތައް ކުރުމަށް މަގުފަހި ކުރުމަށް ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކަށް ބަދަލު ގެނެއެވެ.
ބައެއް ފަހަރަށް އެއްބަޔަކަށް ފުލުފުލުގައި ޕްރޮމޯޝަންތައް ދޭ މަންޒަރެވެ. ހަަމަ އެ ޕްރޮމޯޝަންތަކާއި ވިދިގެން އެތައް ދުވަހެއް ވަންދެން ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތައް ސިޔާސީ ވެރިން ގެއަށް ފޮނުވާލާ މަންޒަރު ވެސް މެއެވެ.
ފާއިތުވި މަހެއްހާ ދުވަހަށް ބަލާއިރު އެކަނި ވެސް ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެ ބަދަލުތަކަށް ފަހު ފުލުހުންގެ ސީނިއަރ މަގާމުތަކުގައި ތިއްބެވި ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އެމީހުންގެ މައްޗަށް ކުރި ތުހުމަތު ސާފު ނުވާއިރު، އެކަމާއި ބެހޭގޮތުން ފުލުހުންގެ މުއައްސަސާއަކުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިފަހަރު ސިޔާސީ މަސްރަޚު ހަލަބޮލިވެފައި ވަނިކޮށް ހައްޔަރު ކޮށްފައިވާ އެއް ފުލުހަކީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ކުރީގެ ކޮމާންޑަރު ސައިފް އެވެ. އޭނާ އަކީ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ އެޕާޓްމަންޓަށް ވަން ފުލުހުންގެ ޓީމްގައި އިސްކޮށް ހުންނެވި ބޭފުޅާ އެވެ.
ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރާއިރު އެކަމުގައި ސައިފްގެ ބައިވެރިވުން އޮތް ކަމަށާއި އަދި ސައިފް އަށް އެ އޮޕަރޭޝަނަށް ފަހު މަންފާތަކެއް ލިބުނު ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ދާދިފަހުން އަލްޖަޒީރާއިން ދެއްކި ރިޕޯޓެއްގައި އޮޑިޓް އޮފީސް ރޯކޮށްލަން އެތަން ޗެކްކުރުމަށް ފަހު ކުރީގެ ނައިބު ރައީސަށް ސައިފު ފޮނުވި ކަމަށް ބުނާ މެސެޖެއް ވަނީ ދައްކާލާފައެވެ.
ސިފައިންގެ ތެރެއިން ވެސް އެތައް ބަޔަކު ހައްޔަރުކުރަމުން ގެންދާއިރު އޭގެ ތެރޭގައި 2016 ވަނަ އަހަރު ސިފައިންގެ އިން 1 ވަނަ ހާސިލްކުރި ފަރާތް ވެސް ހިމެނެއެވެ. މީގެ އިތުރުން ވެސް ބޮޑީގާޑުން ހައްޔަރު ކުރަމުންދާއިރު ސިފައިންގެ އިސްވެރިންތަކެއް ވެސް ހައްޔަރު ކުރާނެ ކަމުގެ އަޑު ދަނީ ފެތުރެމުންނެވެ.
ލޯބިވާ ދަރިންނާއި އަނބިމީހާ އާއި ވަކިން ފުލުހުންނާއި ސިފައިން ގެންގޮސް ހައްޔަރު ކުރާއިރު އެބޭފުޅުން ވިސްނާލަން ޖެހޭ ކަމެއް ވެސް އެބައޮތެވެ.
ދިވެހި ޤައުމުގައި އަނިޔާ އާއި ބޭއިންސާފު އާއްމުވެ އެ ބޭއިންސާފު ތަހައްމަލް ކުރަން ސިފައިންނާއި ފުލުހުން ވެސް ޖެހިފައި މިވަނީ އެބޭފުޅުންނަށް އެ ފުރުސަތު ދެވުނީމައެވެ. ފުލުހުންނާއި ސިފައިންނަކީ ޤާނޫނާއި ޚިލާފް އޯޑަރުތަކަށް ނޫނެކޭ ބުނަން ޖެހިލުންވާ ބަޔަކަށް ނުވާ ނަމަ ކުރިއަށް އޮތްތަނުގައި އަދިވެސް އެތައް ފުލުހުންނަކާއި ސިފައިންނެއް ބޭއިންސާފު ތަހައްމަލް ކުރަން ޖެހިދާނެއެވެ.
ފުލުހުންގެ ތެރޭގައި ވެސް ވަކި ބަޔަކު ހިމާޔަތްކުރަން ހަދައިގެން ރައްޔިތުން 'ފުނޑާލަން' ނިކުތް މީހުންނާއި ވެސް އަނިޔާވެރިކަމާއި ބޭއިންސާފު އަރައި ހަމަކޮށްފިއެވެ. ކޯޓުތަކުގައި ތިއްބަވައިގެން އަދުލު އިންސާފު ތަބަކަށް ލައިގެން 'ވިއްކަމުން' ދިޔަ ބައެއް ފަނޑިޔާރުންނަށް ވެސް ބޭއިންސާފާއި ކުރިމަތިލާން ޖެހިވަޑައިގަތީއެވެ.
ބޭއިންސާފާއި އަނިޔާވެރިކަން ތަނެއްގައި އާންމުވެއްޖެ ނަމަ އެއާއި ކުރިމަތިލާން ޖެހޭނީ ހަމައެކަނި ވަކި ބައެއް ނޫނެވެ. އޭގެ ހިތިރަހަ މުޖުތަމަޢް އެއްގައި ދިރިއުޅޭ އެންމެން ވެސް ދެކެން ޖެހޭނެއެވެ. ދިވެހި މުޖްތަމަޢްގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަމުން ދަނީ އެ މަންޒަރެވެ.
ފުލުހުންނާއި ސިފައިން ވެސް ބޭއިންސާފާއި އަނިޔާވެރިކަމުގެ ލަވައަށް ނަށްޓަވަމުން، ގެންދަވަނިކޮށް ބޭއިންސާފު އެމީހުންނާ ވެސް އަރާ ހަމަކޮށްފިއެވެ.