އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހަވީރު އިިދިކޮޅު ފަރާތްތަކުން ބޭއްވި ސުލްހަވެރި ހިނގާލުން ފެށުމަށް އެމްޑީޕީ ހަރުގެ ސަރަހައްދަށް މީހުން ޖަމާވާން ފެށުމާއި އެކު ފެނުނީ ފުލުހުންގެ ފައުޖުތައް އައިސް އެމީހުންނަށް ހުރަސް އަޅަން ފެށި މަންޒަރެވެ. އެގޮތުން އެމްޑީޕީ އޮފީސް ހުންނަ ދިމާލުން ލިންކް ރޯޑު ބަންދުކޮށް ހިނގާލުމުގެ ބައިވެރިންނަށް ކުރިޔަށް ދިޔަ ނުދޭން ޝީލްޑާއި އެކު ރަޔަޓް ފުލުހުން ހަރަކާތްތެރިވާން ފެށިއެވެ.
ރަޔަޓް ގިޔަރުގައި ތިބި ފުލުހުން މަގު ބަންދުކުރުމުން މުޒާހަރާގެ ބައިވެރިން ލިންކް ރޯޑުން ކުރިއަށް ދިއުމުގެ ބަދަލުގައި ރަށުތެރެއަށް ޖެހިލައި ބާރަށް ހިނގައިގަތީ ހިތަދޫ ބޮޑުމަގާއި ދިމާލަށެވެ. ޝީލްޑް ހިފައިގެން ތިބި ފުލުހުން ވެހިކަލްތަކަށް އަރައިގެން ދެވުނު އިރު މުޒާހަރާގެ ބައިވެރިން ތިބީ ހިތަދޫ ބޮޑު މަގުގައެވެ.
ދެން ފެނިގެން ދިޔައީ ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އާއްމު ރައްޔިތުންގެ ފަހަތުން ދުވަން ފެށި މަންޒަރެވެ. މީގެ އިތުރުން މުޒާހަރާގައި ބައިވެރިވި އިސްރަށްވެހިން ކޮއްޕައި އެމީހުން ފަހައި ފުލުހުން ދުވަމުން ދިޔަ ތަނެވެ. އެ ކަންތައް ގަނޑުގެ ތެރޭގައި މުޒާހަރާގައި ބައިވެރިވި އަންހެނަކު މަގުމައްޗަށް ވެއްޓި އެމީހާއަށް އަނިޔާވިއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވީ މުޅިން ވެސް ފިރިހެން ފުލުހުން ކަމެވެ. ބެލެވޭ ގޮތުގައި މުޒާހަރާގެ އަންހެން ބައިވެރިޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދިޔައީ އެހެންވެގެންނެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ލައުޑް ސްޕީކަރު ހިފައިގެން ހުރި އެމްޑީޕީ ހިތަދޫ މެދު ދާއިރާގެ ރައީސް މޫސަ އެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ދެން ފެނިގެން ދިޔައީ ކުލަ ހެދުމުގައި ތިބި ފުލުހުން އިޝާރާތް ކުރާ މީހުން ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރި ތަނެވެ. އެގޮތުން ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ ހައްޔަރުކުރަން ވެސް ފުލުހުން މަސައްކަތް ކުރިއެވެ. އަލީ ފަހުމީގެ ފަހަތުން ފުލުހަކު ދުވެފައި ދިޔަ ނަމަވެސް އޭނާ ހައްޔަރުކުރެވޭ ގޮތެއް ވަނީ ނުވެފައެވެ.
ދެން ފެނިގެން ދިޔައީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބް ރައީސް އިބްރާހިމް ރަޝީދު (އިބުރޭ) ހައްޔަރުކުރުމާއި އެކު ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ އަމިއްލައަށް އެދިގެން ގޮސް ފުލުހުންނާއި ހަވާލުވިއެވެ.
ޔަސްރިފްގެ އިސްނެގުމާއި އެކު ދެން ފެނިގެން ދިޔައީ މުޒާހަރާގެ ވަކިވަކި ބައިވެރިން އެމީހުން ހައްޔަރުކުރުމަށް އެދި ފުލުހުންގެ ކިބައިން އާދޭސް ކުރަމުން ދިޔަތަނެވެ.
އެހެން ނަމަވެސް ޖުމްލަ 6 މީހަކު ހައްޔަރުކުރުމަށްފަހު ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔައިރު ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ އެމީހުންގެ ޝުޢޫރު ފާޅުކުރަމުންނެވެ. އެއް އަޑެއްގައި އެމީހުން ބުނަމުން ގެންދިޔައީ، ހައްޔަރުކުރިޔަސް ހުއްޓައެއް ނުލާނެ ވާހަކައެވެ.
އެ ވާހަކަތައް ތަކުރާރުކުރައްވައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް ވެސް ވަނީ އެއްވެސް ރައްޔިތަކު ހިތްވަރު ބަލި ނުކުރުމަށް ގޮވާލައްވާފައެވެ. އައްޑޫ އެމްޑީޕީ ގޮފިން ބުނާ ގޮތުގައި ސިލްސިލާ ގޮތެއްގައި އެމީހުން އައްޑޫގައި މުޒާހަރާ ކުރިއަށް ގެންދާނެއެވެ.