ދުއިސައްތަ އަށް ވުރެ ގިނަ ފިލްމް ކުޅެ އެތައް އެވޯޑެއް ވެސް ހާސިލްކޮށްފައިވާ އިންޑިއާގެ މަޝްހޫރު ބަތަލާ ސްރީދޭވީ މަރުވެއްޖެއް އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި 54 އަހަރުގެ ބަތަލާ މަރުވީ އާއިލީ މީހެއްގެ ކައިވެންޏަށް ފިރިމީހާ ބޮނީ ކަޕޫރާއި ހަގު އަންހެން ދަރިފުޅު ހުޝީއާ އެކު ދުބާއީގައި އުޅެނިކޮށް ރޭގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެންނެވެ.
"މިސްޓަ އިންޑިއާ" އާއި "ސަދްމާ" އަދި "ޗާންދްނީ" އާއި "ލަމްހޭ" ފަދަ ކާމިޔާބު އެތަކެއް ފިލްމެއް ކުޅެފައިވާ ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން ލިބުނު ހިތާމައިގައި އިންޑިއާގެ ބޮޑުބަޒީރު ނަރެންދްރަ މޯދީ އާއި އެކްޓަރު ކަަމަލް ހަސަނާއި ޕްރިޔަންކާ ފަދަ ތަރިން ވަނީ ޓްވީޓްކޮށްފަ އެވެ.
Have witnessed Sridevi's life from an adolescent teenager to the magnificeint lady she became. Her stardom was well deserved. Many happy moments with her flash through my mind including the last time I met her. Sadma's lullaby haunts me now. We'll miss her
— Kamal Haasan (@ikamalhaasan) February 25, 2018
ސްރީދޭވީ މަރުވި އިރު، އޭނާގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް އަންނަނީ މި އަހަރު ޖުލައިގައި ރިލީޒް ކުރާ ފިލްމް "ދަޅަކް" އިން ބޮލީވުޑަށް ނުކުންނަން ވެސް ތައްޔާރުވަމުންނެވެ.
މަޝްހޫރު ޒުވާން އެކްޓަރު އަރްޖުން ކަޕޫރްގެ ދޮންމަންމަ ސްރީދޭވީ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލިޒް ކުރި "މޮމް" އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކަށް ވާނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ "ޒީރޯ" އެވެ.
އެ ފިލްމްގެ ހާއްސަ ފެނިލުމަކުން ސްރީދޭވީ ފެންނާނެ އެވެ.