ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު ފެނިގެން ދިޔަ އެއްކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު "ނޭވާހޮޅިއަށް" އެޅުނު މަންޒަރެވެ.
ސުޕްރީމް އަމުރުތަކާ ގުޅިގެން، ސަރުކާރުގެ ދިފާއުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އާއި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވަނީ ރައްޔިތުންނަށް، ސަރުކާރުގެ މެސެޖް ފޯރުކޮށްދިނެވެ.
އެ ނޫސް ކޮންފަރެންސަށް ފަހު ހޯމް މިނިސްޓަރ އަޒްލީންގެ އަޑެއް ނީވޭތާ އެތައް ދުވަހެއް ވެއްޖެއެވެ.
ފުލުހުންގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެހެން ގޮތެއް ނާންގަވާހައި ހިނދަކު ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކީ ހޯމް މިނިސްޓަރެވެ.
ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ވެރިންނަށް އިތުބާރު ނުކުރައްވާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރުގެ އަޑެއް ނީވެނީ ކީއްވެގެން ހެއްޔެވެ؟
މީގެ ކުރިން މުޒާހަރާތައް އިތުރުވާ ފަހަރު ތަކުގައި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު އަޒްލީން އިންޓަވިއު ދެއްވައެވެ. އަދި ފުލުހުންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މިފަހަރު މިނިސްޓަރު އަޒްލީންގެ އަޑެއް އެއްގޮތަކަށް ވެސް ނީވެއެވެ.
މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނައިރު އެ މުޒާހަރާތަކާއި ބެހޭގޮތުން ވެސް ހޯމް މިނިސްޓަރުގެ އަޑެއް ނީވެއެވެ. މުޒާހަރާތަކުގައި ބައިވެރި ނުވުމަށް ގޮވާލެއްވީ ވެސް ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއެވެ.
ބައެއް ފުލުހުން ހައްޔަރުކޮށް ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކަށް ބަދަލު ގެންނަމުން އަންނައިރު އެ ބަދަލުތައް ގެންނެވުމުގައި މިނިސްޓަރު "ބިޒީ" ވެވަޑައިގެންނެވީ ހެއްޔެވެ؟ ނުވަތަ ސިޔާސީ ފަރާތްތަކުގެ ބަހުރުވައިން ނަމަ މިނިސްޓަރުގެ "ވައި ކެޓީ" ހެއްޔެވެ؟